ދިވެހިރާއްޖެ ހިމެނޭ ދެކުނު އޭޝިޔާ ސަރަހައްދުގެ، ސަރަހައްދީ ފުޓްބޯޅަ މުބާރާތް "ސާފް ޗެމްޕިއަންޝިޕް" މިއަދު ފެށޭނެއެވެ. ސާފް ސުޒުކީ ކަޕްގެ ނަމުގައި މިހާރު މި މުބާރާތް ބާއްވާއިރު، މި އަހަރުގެ މުބާރާތް އޮންނަނީ ބަންގްލަދޭޝްގައެވެ.
މި ރިޕޯޓްގައި ބަލާލާފައިވާނީ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ 7 ގައުމުގެ ގައުމީ ޓީމްތަކަށް އިރުޝާދުދޭ ކޯޗުންގެ ތެރެއިން ގްރޫޕް އޭ ގައި ހިމެނޭ 4 ޓީމްގެ ކޯޗުންނާ ބެހޭ މުހިންމު މަޢުލޫމާތުތަކަށެވެ.
ބަންގްލަދޭޝް
ބަންގްލަދޭޝްގެ ކޯޗު ޖެމީ ޑޭ އަކީ ޒުވާން އުމުރުގައި ފުޓްބޯޅަ ކުޅެންފެށި މީހެކެވެ. އޭނާ ވަނީ ޒުވާން އުމުރުގައި، ޔުނައިޓެޑް ކިންގްޑަމްގައި ހުންނަ ލިލްޝެލް ނޭޝަނަލް ސްޕޯޓްސް ސެންޓަރ އިން އުނގެނި، ތަމްރީނު ހަދާފައެވެ. އަދި އިނގިރޭސިންގެ 18 އަހަރުން ދަށުގެ ގައުމީ ޓީމުގައި ޖެމީ ހިމެނުނުއިރު، އޭނާ ވަނީ އާސެނަލްއާއެކު ޕްރޮފެޝަނަލް ކޮންޓްރެކްޓެއްގައި ސޮއި ވެސް ކޮށްފައެވެ.
އެހެނަސް، ކުޅުންތެރިއަކަށްވުރެ ބޮޑަށް ޖެމީގެ ކާމިޔާބީ ފާހަގަ ކުރެވެނީ ކޯޗިންގެ ދާއިރާއިންނެވެ. 2013 ވަނަ އަހަރު އޭނާ ވަނީ ކުޅުންތެރިއެއް އަދި ކޯޗެއްގެ ގޮތުގައި ވެލިން ޔުނައިޓެޑަށް ކޮންފަރެންސް ސައުތު ޓައިޓަލް ކާމިޔާބު ކޮށްދީފައެވެ. އެހާ ހިސާބުން އޭނާގެ ހުނަރުވެރިކަން ފާހަގަ ކުރެވިގެން ދިޔައިރު، އެ ސީޒަންގެ ތަށްޓާއެކު ވެލިން ޔުނައިޓެޑް ކޮންފަރެންސް ޕްރިމިއާ އަށް ޕްރޮމޯޓް ވިއިރު، އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމް ވެސް ހޯދީ ޖެމީ އެވެ.
ވެލިން ޔުނައިޓެޑްއަށް ފަހު ފަސްޓް ޓީމް ކޯޗެއްގެ ގޮތުގައި ގިލިންގްހަމް އެފްސީއަށް ޖެމީ ބަދަލުވިއިރު، އޭނާ ވަނީ ބަރޯ އޭއެސްފީ ގައި އެސިސްޓެންޓް ކޯޗެއްގެ މަގާމު ވެސް އަދާކޮށްފައެވެ. ޖެމީ ޑޭ ބަންގްލަދޭޝް ޓީމާ ހަވާލުވީ މި އަހަރުގެ މޭ މަހުގެ ތެރޭގައެވެ.
ނޭޕާލް
ކޯޖީ ޔޮޓޮކޫ ނޭޕާލްގެ ގައުމީ ޓީމާ ހަވާލުވީ ފުޓްބޯޅަ ކުރިއެރުވުމަށް ޖަޕާން-ނޭޕާލް ވެފައިވާ އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގެ ދަށުން، ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީގެ ފަރާތުންނެވެ. އެއީ 2016 ވަނަ އަހަރުގެ މާޗް މަހުގައެވެ. އޭނާ ވަނީ މީގެ ކުރިން 2008 އިން 2009 އަށް ބޫޓާންގެ ގައުމީ ޓީމަށް ސާފް ޗެމްޕިއަންޝިޕްގައި ކޯޗު ކޮށްދީފައެވެ.
ޕާކިސްތާން
ބްރެޒިލްއަށް އުފަން ޖޯޝް އެންޓޯނިއޯ ނޮގުއޭރާ ޕާކިސްތާނުގެ ގައުމީ ޓީމާ ހަވާލުވީ މި އަހަރުގެ އޭޕްރިލް މަހުގައެވެ. އޭގެ ކުރިން އޭނާ ވަނީ ސައޫދީ އަރަބިއާގެ އަލް އަހްލީ ކްލަބްގެ އިތުރުން ބްރެޒިލް އާއި އިކުއޭޑޯގެ ކްލަބްތަކުގައި ވެސް މަސައްކަތް ކޮށްފައެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ ކްލަބަކީ ސައުޕޯލޯ އެތުލެޓިކް އެފްސީއެވެ. އޭނާގެ އެންމެ ބޮޑު އަމާޒަކީ ވަޅުޖެހިފައި އޮތް ޕާކިސްތާނުގެ ފުޓްބޯޅަ ކުރިއަރުވާ ސާފް ސުޒުކީ ކަޕް ކާމިޔާބު ކުރުމެވެ.
ބޫޓާން
ބޫޓާންގެ ކޯޗު ސްޓެވޯ މޯގަން އަކީ އިންޑިއަން ސަބްކޮންޓިނެންޓްގައި ވިދާ ނަމެކެވެ. އޭނާ ވަނީ ބޫޓާންގެ ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން، އިންގްލެންޑްގެ އިތުރުން އޮސްޓްރޭލިއާ، އިންޑިއާ، ސިންގަޕޯރ، މެލޭޝިއާ އަދި ހޮންކޮންގ ގެ ކްލަބްތަކަށް ކޯޗުކަން ކޮށްދީފައެވެ. އޮސްޓްރޭލިއާގެ ސޮރެންޓޯ އެފްސީއަށް ގިނަ ދުވަސްތަކަކު ކުޅުމަށްފަހު، މޯގަން އޭނާގެ ކޯޗިން ކެރިއާ ފެށީ 1995 ގައެވެ. އިންޑިއާގެ އީސްޓް ބެންގާލްއަށް ދެ ފަހަރެއްގެ މަތިން އިރުޝާދު ދީފައިވުމާއެކު، މޯގަން އަކީ މި ސަރަހައްދުގެ ވާދަވެރިންގެ ގޮތް ވަރަށް ރަނގަޅަށް އެނގޭ، ތަޖުރިބާކާރު ކޯޗެކެވެ. މޯގަން ބޫޓާން ޓީމާ ހަވާލުވީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް