"އަދީބު ބަންދުކުރަން އަމުރެއް ނުނެރުނީ ޖަލުހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ވާތީ"

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިލިއިރު ވެސް ބަންދުގެ އަމުރެއް ނުނެރެވުނީ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ވާތީ ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއްޖެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އ...

05 Aug 2019 | 09:55

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިލިއިރު ވެސް ބަންދުގެ އަމުރެއް ނުނެރެވުނީ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ވާތީ ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއްޖެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އިން އަދީބު ބަންދުކުރަން އެދުމުން، އަމުރު ނުނެރެދޭ ކަމަށް ޕީޖީ ބިޝާމް ބުނެފައިވާތީ، ސުޕްރީމް ކޯޓުން ޖަވާބުގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަދީބަކީ އޭރު ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ މީހެއް ކަމަށާއި، ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ބަންދުކުރުމަށް އިތުރު އަމުރެއް ނެރުމަކީ އެއްވެސް ބޭނުންތެރި ކަމެއް ނޫން ކަމުގައެވެ. އެހެން ކަމުން ޕީޖީން އެދިފައިވާގޮތަށް، ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި ޖޫން މަހުގެ 24 ވަނަ ދުވަހު އަދީބުގެ ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރެއް ނެރެފައި ވާނެ ކަމަށާއި، އެކަން ކަމާ ބެހޭ ފަރާތްތަކަށް އަންގައިފައި ވާނެ ކަމަށެވެ.

"އަދީބުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އިސްވެ ބަޔާންކުރެވުނު އަމުރު ނެރެފައި ވަނީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ވަގުތީ އަމުރަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުންތައް ބިނާކޮށްފައިވާ ސަބަބުތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލަންޖެހޭ ބެލުންތައް ރަގަޅަށް ބެލުމަށްފަހު، އަދީބަކީ އޭރު ޖަލު ހުކުމެއް އޭނާގެ މައްޗަށް ތަންފީޒުކުރަމުންދާ މީހެއް ކަމުގައި ވާތީ، ޕީޖީގެ ފަރާތުން އެދިފައިވާ ކަންތައްތަކުގެ ތެރެއިން އަދީބުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރުމަކީ އެވަގުތު އެޅެން އޮތް ރައްކާތެރިކަމުގެ ހަމައެކަނި ފިޔަވަޅު ކަމުގައި ވާތީއެވެ." ސުޕްރީމް ކޯޓުން ނެރިފައިވާ ބަޔާނުގައި ވެއެވެ.

ސުޕްރީމް ކޯޓުން ވިދާޅުވީ، ޕީޖީން އެ ކޯޓަށް ހުށަހަޅައިފައިވާ ފޯމުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެދިފައިވާ ކަންތައްތަކުގެ ތެރެއިން، ޤާނޫނީ ގޮތުން އަޅައިދެވެން އޮތް ހަމައެކަނި ފިޔަވަޅު އެ ކޯޓުން އަޅައިދިން ކަމަށެވެ. އޭގެ ފަހުން އަދީބުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމިފައިވާކަމަށް ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓަށް އަންގާފައި ނުވާކަމަށާއި، ފަހުން އެފަދަ އަމުރަކަށް އެދިފައިވެސް ނުވާ ކަމަށް އެ ކޯޓުން ނެރުނު ބަޔާނުގައި ވެއެވެ.

"މިހާރު" ނޫހާއި ހަވާލާދީ ޕީޖީ ބިޝާމް އިއްޔެ ވިދާޅުވީ، ޓަގު ބޯޓެއްގައި އަދީބު ފިލީ އަދީބު ބަންދުކުރުމަށް ސުޕްރީމް ކޯޓުގައި އަމުރަކަށް އެދިފައި ވަނިކޮށް ކަމަށެވެ. އަދީބުގެ ޚިޔާނާތުގެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރިއިރު ދެ އަމުރެއް ނެރެދޭން މިދިޔަ ޖޫން ދެ ވަނަ ދުވަހު އެދުން ކަމަށާއި، އަދީބު ފިލުމުގެ ފުރުސަތު އޮތުމުން ބަންދުގެ އަމުރަކާއި ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް އެދިފައިވާކަމަށެވެ.

ނިމިދިޔަ ހަފްތާގެ ތެރޭގައި ޓަގު ބޯޓެއްގެ ކްރޫއެއްގެ ގޮތުގައި ފިލައިގެން ދަނިކޮށް އިންޑިއާގެ ތޫތުކުޑީ ބަނދަރު ބޭރުން އަދީބު ވަނީ އަތުލައިގަނެފައެވެ. އޭނާ އަތުލައިގަތީ އިންޑިއާގެ ކަސްޓަމްސް އިންނެވެ. އަތުލައިގަތުމުން އިންޑިއާގެ ސިޔާސީ ހިމާޔަތަށް އަދީބު އެދުނު ނަމަވެސް އިންޑިއާއިން ނިންމީ އަދީބު އަނބުރާ ފޮނުވާލުމަށެވެ. އަދީބު އަނބުރާ ފޮނުވާލަން ނިންމުމުން ދިވެހި ފުލުހުން ވަނީ ކަނޑުމަތިން އަދީބު ހައްޔަރުކޮށް، ރޭގެ ވަގުތެއްގައި މާލެ ގެނެސްފައެވެ. ފުލުހުން މިހާރު ވަނީ އަދީބު ދޫނިދޫ އަށް ގެންގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް