އަދީބުގެ މައްސަލައެއް މާދަމާ ސުޕްރީމް ކޯޓުގައި ތާވަލުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުގައި މާދަމާ އަށް ތާވަލުކޮށްފިއެވެ. ސުޕްރީމް ކޯޓުން ބުނީ، އަދީބާއި ދެކޮޅަށް ޕްރޮސެކިއުޓާ ޖެނެރަލް ހުށަހަޅާފައިވާ މައްސަލައެއް މާދަމ...

05 Aug 2019 | 07:42

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުގައި މާދަމާ އަށް ތާވަލުކޮށްފިއެވެ.

ސުޕްރީމް ކޯޓުން ބުނީ، އަދީބާއި ދެކޮޅަށް ޕްރޮސެކިއުޓާ ޖެނެރަލް ހުށަހަޅާފައިވާ މައްސަލައެއް މާދަމާ 10:15 ގައި ބާއްވަން ތާވަލުކޮށްފައި ވާކަމަށެވެ. އަދި އެ މައްސަލަ ބައްލަވާނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ އާއި، ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އެވެ.

އަދީބު ސުޕްރީމް ކޯޓަށް ހާޒިކުރަނީ، ޅ.މާބިންހުރާ ކުއްޔަށް ދީގެން ލިބުނު ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި އިއްވި ޖަލު ހުކުމް ހައިކޯޓުން ބާތިލުކުރުމާއި ގުޅިގެންނެވެ.

އަދީބުގެ މައްޗަށް ބޮޑެތި މައްސަލަތަކެއްގެ ތުހުމަތު ކުރެވެއެވެ. މިދިޔަ ސަރުކާރުން އަދީބުގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމްތައްވެސް ވަނީ ބާތިލުކޮށްފައެވެ.

މީގެ އިތުރުން، ނިމިދިޔަ ހަފްތާގެ ތެރޭގައި ޓަގު ބޯޓެއްގެ ކްރޫއެއްގެ ގޮތުގައި ފިލައިގެން ދަނިކޮށް އިންޑިއާގެ ތޫތުކުޑީ ބަނދަރު ބޭރުން އަދީބު ވަނީ އަތުލައިގަނެފައެވެ. އޭނާ އަތުލައިގަތީ އިންޑިއާގެ ކަސްޓަމްސް އިންނެވެ. އަތުލައިގަތުމުން އިންޑިއާގެ ސިޔާސީ ހިމާޔަތަށް އަދީބު އެދުނު ނަމަވެސް އިންޑިއާއިން ނިންމީ އަދީބު އަނބުރާ ފޮނުވާލުމަށެވެ. އަދީބު އަނބުރާ ފޮނުވާލަން ނިންމުމުން ދިވެހި ފުލުހުން ވަނީ ކަނޑުމަތިން އަދީބު ހައްޔަރުކޮށް، ރޭގެ ވަގުތެއްގައި މާލެ ގެނެސްފައެވެ. ފުލުހުން މިހާރު ވަނީ އަދީބު ދޫނިދޫ އަށް ގެންގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް