މަރުވިއްޔާ ޝަރަފުގައި މަރުވާނަން: ޑިފެންސް މިނިސްޓަރު

މަރުވިއްޔާ ޝަރަފުގައި މަރުވާނެ ކަމަށާއި މަރުވާވަރަށްވެސް ލޯބިވާކަމުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމަނިކުފާނުގެ ރަސްމީ ފޭސްބުކް ޕޭޖްގައި...

04 Aug 2018 | 19:03

މަރުވިއްޔާ ޝަރަފުގައި މަރުވާނެ ކަމަށާއި މަރުވާވަރަށްވެސް ލޯބިވާކަމުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމަނިކުފާނުގެ ރަސްމީ ފޭސްބުކް ޕޭޖްގައި މިދިޔަ މަހުގެ 19 ވަނަ ދުވަހު ލިޔުއްވާފައިވާ ސްޓޭޓަސްއެއްގައި އެވެ.

އެ ސްޓޭޓަސް މީގެ ކުރިންވެސް ދުވަހަށް ފެނުނު ނަމަވެސް އެއީ މިނިސްޓަރާއި ގުޅުންހުރި ރަސްމީ ޕޭޖެއްކަން އެނގިފައެއް ނުވެ އެވެ.

ނަމަވެސް މިރޭ އެ ޕޭޖްގައި ޖެހި ސްޓެޓަސް އެއް އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް އެމްއެންޑީއެފް މީޑިއާ ގްރޫޕްގައި ޝެއަރ ކުރެއްވުމުން އެއީ ޑިފެންސް މިނިސްޓަރު ބޭނުންފުޅު ކުރައްވާ ޕޭޖެއްކަން ވަނީ ކަށަވަރު ކުރެވިފައި އެވެ.

ދޮހޮއްކޮބޭގެ އެ ލަވަ މިނިސްޓަރުގެ ރަސްމީ ޕޭޖުގައި ހިއްސާ ކުރައްވާފައިވަނީ ކޮން މާނައެއްގައިކަން ކަމެއް ނޭނގެ އެވެ. ނަމަވެސް މިރޭ އެމަނިކުފާނުގެ ޕޭޖުގައި ޖެހި ޕޯސްޓަކާއެކު ގައުމު ވަނީ ސިއްސުވާލާފައި އެވެ.

މިރޭގެ ސްޓޭޓަސްގައި މިނިސްޓަރު ވިދާޅުވެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި، ގައުމު ހަލަބޮލިކޮށް، ގައުމުގެ އަމަން އަމާންކަން ނަގާލުމަށްޓަކައި ބަޔަކު ރާވަމުންދާކަމުގެ މައުލޫމާތު ދަނީ ލިބެމުން ކަމަށެވެ.

"އަދި އެކަންކަން މިދަނީ އެމްއެންޑީއެފް އައި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ވަރަށް ގާތުން ބަލަމުންނެވެ" މިނިސްޓަރުގެ ރަސްމީ ޕޭޖުގައި ލިޔުއްވާފައި ވެ އެވެ.

އެ ސްޓޭޓަސްގައި ވިދާޅުވެފައިވަނީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ އެއްވސް ކަމެއްގެ މައުލޫމާތު ލިބިއްޖެނަމަ ވަގުތުން އެމްއެންޑީއެފް އަށާއި މޯލްޑިވްސް ޕޮލިސް ސާވިސް އަށް ރިޕޯޓް ކުރެއްވުން އެދިލައްވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް