ގައުމެއްގެ ވެރިއެއްގެ ގޮތުގައި ބަސްކިޔުމަށް އަންހެނަކު ހުރުމާއި ގުޅޭގޮތުން އިސްލާމް ދީނުގައި ކަނޑައަޅާފައިވާ ހުކުމާއި ގުޅޭގޮތުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވާހަކަ ދައްކަވައިފި އެވެ.
ޑރ އިޔާޒު އެކަމާ ގުޅޭގޮތުން ރަސޫލާގެ ހަދީސް އާއި އެކު ވާހަކަދައްކަވާފައިވަނީ އާންމުންގެ މީހަކު އިސްލާމިކް ނޮލެޖު ވައިބާ ގްރޫޕުގައި ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ. އެ ސުވާލުގައި އެމީހާ ބުނެފައިވަނީ ގައުމެއްގެ ރައީސް ކަމަށް އަންހެނަކު އިސްކުރުމާއި ގުޅޭގޮތުން ތަފްސީލް ޖަވާބެއް ދެއްވުމަށެވެ.
ޑރ އިޔާޒު ވިދާޅުވީ ގައުމެއްގެ އެންމެ އިސްވެރިއެއްގެ ގޮތުގައި އަންހެނަކު ހުރުމަކީ އިސްލާމް ދީން ހުއްދަ ކުރާ ކަމެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ ގައުމެއްގެ ވެރިއަކަށް އަންހެނަކު ހުރެއްޖެ ނަމަ އެ ގައުމަކަށް ކާމިޔާބެއް ނުލިބޭނެ ކަމަށް ރަސޫލާ ސައްލައްﷲ އަލައި ވަސައްލަމްގެ ހަދީސް ފުޅެއްގެ މާނައިގައި ވާކަމަށެވެ.
މިކަމާ ގުޅޭގޮތުން ޑރ އިޔާޒާއި މީހަކު ސުވާލުކޮށްފައި މިވަނީ ރިޔާސީ އިންތިހާބުގައި އިދިކޮޅު ރަނިންމޭޓުގެ ގޮތުގައި ޖޭޕީގެ ބާނީ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ނެރުމަށް ސޯޝަލް މީޑިއާގައި ކެމްޕެއިން ކުރަމުން ދަނިކޮށެވެ. އެކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކެމްޕެއިން ކުރާ ފަރާތްތަކުންވެސް ދަނީ އަންހެނަކު ގައުމުގެ ވެރިއެއްގެ ގޮތުގައި ނެރުމަކީ ދީނީ ގޮތުން ހުއްދަ ކަމެއް ނުންކަމަށް ބުނެ އެއީ އިދިކޮޅަށް ލިބެން ހުރި ވޯޓު މަދުވާނެ ކަމެއް ކަމަށް ބުނަމުންނެވެ.
ޑރ އިޔާޒަކީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ ނައިބު ރައީސް އެވެ.
ރަނިން މޭޓު ކަނޑައެޅުމާއި ގުޅޭގޮތުން ޖޭޕީން ބުނެފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެ ޕާޓީން ނެރޭ ރަނިންމޭޓު އިއުލާނު ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް