ކުރިޔަށް އޮތް 10 ދުވަސް ތެރޭގައި ރާއްޖޭގައި ބޭނުން ކުރަމުންދާ އިންޑިއާގެ ދެ ހެލިކޮޕްޓަރު ގެންދާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.
އެ ގައުމުގެ ނޫހެއް ކަމަށްވާ "ދަ ޕްރިންޓް" ގައި އިންޑިއާ ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ ބުނެފައިވަނީ ގާތްގަނޑަކަށް 10 ވަރަކަށް ދުވަހުގެ ތެރޭގައި އިންޑިއާއިން ހަދިޔާކޮށްފައި އޮތް ދެ ހެލިކޮޕްޓަރު އަނބުރާ ގެންދާނެ ކަމަށެވެ. އެކަމަކު އޭގެ ސަބަބުން ދެ ގައުމުގެ އަސްކަރީ ގުޅުމަށް ބުރޫ ނާރާނެ ކަމަށް ބުނެފައިވެ އެވެ.
އެގޮތުން މިހާރު ދެ ގައުމުގެ ކަނޑުގެ ސިފައިން ގުޅިގެން އިކޮނޮމިކް ޒޯންގައި ކުރިޔަށް ގެންދާ ޕެޓްރޯލް ކުރުމުގެ ހަރަކާތްތަކަށް އެއްވެސް ބުރޫއެއް ނާރާ ކުރިޔަށް ދާނެ ކަމަށް އޮފިޝަލް ވިދާޅުވެފައިވެ އެވެ.
ދެ ހެލިކޮޕްޓަރު އޮޕަރޭޓު ކުރަން ޖުމްލަ 25 އިންޑިއާ ސިފައިން ރާއްޖޭގައި މަސައްކަތް ކުރަމުން އެބަދެ އެވެ. އޭގެ ތެރޭގައި 12 ޕައިލެޓުންވެސް ހިމެނެ އެވެ. ދެ ހެލިކޮޕްޓަރު ބޭއްވުމުގެ އެއްބަސްވުން އާ ނުކުރަން ނިންމާ އަނބުރާ ހެލިކޮޕްޓަރުތައް ގެންދަން ސަރުކާރުން އިންޑިއާއަށް ދިން މުއްދަތު ހަމަވީ މިދިޔަ މަހުގެ ނިޔަލަށެވެ.
ރާއްޖެއަށް ހަދިޔާ ކުރި ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު އޮޕަރޭޓް ކުރަނީ އިންޑިއަން ނޭވީންނެވެ. އަނެއް ހެލިކޮޕްޓަރު އޮޕަރޭޓް ކުރަނީ އިންޑިއާގެ ކޯސްޓްގާޑުންނެވެ.
އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ހެލިކޮޕްޓަރުތަކާއި ހަވާލުވެ ތިބި އިންޑިއާ ސިފައިންގެ ވިސާގެ މުއްދަތު މިދިޔަ މެއި މަހު ވަނީ ހަމަވެފަ އެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖްގެ އެދިލެއްވުމަށް ރާއްޖެއިން އެ މީހުންގެ ވިސާ އެއް މަސް ދުވަހަށް އިތުރުކޮށްދިން ކަމަށް ނޫސްތަކުގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް