ރައީސް އަބްދުﷲ ޔާމީންއަށް ސޯޝަލް މީޑީއާ މެދުވެރިކޮށް އިންޒާރު ދިން މީހެއްގެ އިލެކްޓްރޯނިކް ސާމާނު ފުލުހުން ހިފަހައްޓައިފި އެވެ.
މި މައްސަލައިގަ ފުލުހުން ތުހުމަތު ކުރަނީ ލ.ގަން، ތުނޑި، ހުދުވިލާގެ، މުހައްމަދު އަދުހަމްގެ މައްޗަށެވެ. ރިޕޯޓުތައް ބުނާގޮތުގައި އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ހިފެހެއްޓުމުގެ ކުރިން އޭނާވެސް ހައްޔަރު ކުރި އެވެ. އެކަމަކު ފަހުން ވަނީ ދޫކޮށްލާފައި އެވެ.
ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވަނީ ކޮމްޕިއުޓަރ ސިސްޓަމާއި، ޓެބްލެޓާއި، އައިޕެޑް، ލެޕްޓޮޕް، މޯބައިލްފޯނާއި، އިލެކްޓްރޯނިކް ޑިވައިސްތަކާއި، އެތަކެތީގައިވާ ހުރިހާ މައުލޫމާތަކާއި އެނޫންވެސް އިންޓަނެޓުގެ ޒަރިއްޔާއިން ކޮށްފައިވާ އެންމެހާ މުއާމަލާތްތަކެވެ.
ކޯޓު އަމުރުގައި ބުނެފައިވާގޮތުގައި އަދުހަމް ބޭނުންކުރާ ޓުވިޓާ އެކައުންޓުން މިދިޔަ ޖޫން 25 ވަނަ ދުވަހުގެ ވަގުތެއްގައި ރައީސް ޔާމީނަށް ބިރުދައްކައި، އިންޒާރުދީ ޓުވީޓުކޮށްފައިވެ އެވެ. އޭނާ އާއި ދެކޮޅަށް ލިބިފައިވާ ހެއްކާއި ގަރީނާ ކަމަށް އަމުރުގައި ބުނެފައިވަނީ އަދުހަމްގެ ޓުވިޓާ އެކައުންޓުގެ ސްނެޕްޝޮޓް އަދި ޕޮލިސް އިންޓެލިޖެންސް ރިޕޯޓެވެ.
އަދުހަމްގެ ޓުވިޓާ އެކަންޓަކުން ކުރި ކަމަށް ބުނާ އެ ޓުވީޓުގައި ބުނެފައިވަނީ ގާސިމް އިބްރާހީމާއި، ސިޔާދު ގާސިމާއި، ޖޭޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާއި، ކުރީގެ ރައީސް މައުމޫނާއި، ފާރިސް މައުމޫން މިނިވަން ނުކޮށް ރައީސް ޔާމީންގެ ކެމްޕޭން ޓީމުން މާލޭގައި ހިންގާ ދޮރުންދޮރަށް ހަރަކާތުގައި ގޭގެއަށް ގޮސް ޓަކި ޖަހައިގެން ނުވާނެ ކަމަށެވެ. އެހެންނޫންނަމަ ރައީސް ޔާމީންގެ ބޮލުގައި ފޫދާވަރަށް ޓަކިޖަހާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް