އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީން އާންމު ކުރަމުންދާ މެނިފެސްޓޯގައި ހިމެނޭ ވައުދުތަކާއި ޖުމްހޫރީ ޕާޓީން ތައްޔާރުކޮށް އިދިކޮޅު ކޯލިޝަނަށް ހުށަހަޅާފައިވާ ހުށަހެޅެޅުމުގައި ފުށު އެރުންތަކެއް އަރައިފި އެވެ.
ޖޭޕީގެ ބާނީ ގާސިމް އިބްރާހިމްގެ ބައިވެރިވުމާއި އެކު އެ ޕާޓީން ވަނީ 11 ހުށަހެޅުމެއް ގުޅިފައިވާ ޕާޓީތަކަށް ހުށަހަޅާފައި އެވެ. އޭގެ ތެރޭގައި އިސްލާމްދީނަށް އެއްވެސް މިންވަރެއްގެ އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ނުކުރުމަށާއި، ދިވެހި ރައްޔިތުންނަށްޓަކައި ހަތަރު ޕާޓީ ވަކިނުވެ ހެޔޮލަފާ ކޯލިޝަން ވެރިކަމެއް ކުރުމަށް ހުށަހަޅާފައިވެ އެވެ.
އެ ހުށަހެޅޫންތަކުގައި ހުރި ތައާރަޒުވާ ކަންކަމުގެ ތެރޭގައި ޖޭޕީން ރާއްޖޭގައި ރިޔާސީ ވެރިކަމެއް އޮންނަން ބޭނުންވުން ހިމެނެ އެވެ. އެކަމަކު އެމްޑީޕީން އާންމު ކުރަމުންދާ މެނިފެސްޓޯގެ ވައުދެއްގައި ބުނެފައިވަނީ އެ ޕާޓީ ހުށަހަޅަނީ ބަރުލަމާނީ ވެރިކަމަކަށް ކަމަށެވެ. ރާއްޖޭގެ ކޯޓުތަކަށް ބޭރު ގައުމުތަކުގެ ފަނޑިޔާރުން ގެންނަން އެމްޑީޕީގެ މެނިފެސްޓޯގައި އޮތް އިރު ޖޭޕީން ހުށަހެޅީ އެއްވެސް ވަރަކަށް ބޭރުގެ ފަނޑިޔާރުން ރާއްޖެ ނުގެނައުމަށެވެ.
އިދިކޮޅު ކޯލިޝަނަށް ޖޭޕީން ހުށަހަޅާފައިވާ އިތުރު ކަންކަމުގެ ތެރޭގައި ސަލާމަތީ ބާރުތައް އުވާނުލުމާއި އެއްވެސް ހާލަތެއްގައި އެއްވެސް މިންވަރަކަށް ރާއްޖެއިން ބޭރުގެ ސިފައިން ދިވެހި ދައުލަތުގެ ހިދުމަތަށް ނުގެނެއުމެވެ. ސިޔާސީ ނުފޫޒުން ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ފަނޑިޔާރުން މިނިވަންކުރުމަށް ވަނީ ހުށަހަޅާފައެވެ.
ދައުލަތުގެ ސްޓްރެޓީޖިކް އެއްވެސް އިންވެސްޓްމެންޓެއް، ގައުމުގެ އެއްވެސް މައި ދޮރާއްޓެއް ރާއްޖޭގެ އިސްތިގްލާލަށް ބުރޫއަރާނެ ފަދަ ގޮތަކަށް އެއްވެސް ބައެއްގެ އަތްމައްޗަށް ދޫކޮށް ނުލުމަށާއި، ދައުލަތުގެ މިފަދަ މުހިންމު ހުރިހާ އަސާސްތަކެއް ހުންނަންވާނީ އަބަދުވެސް ދިވެހި ދައުލަތާއި ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް ޖޭޕީން ބުނެއެވެ.
ޖޭޕީގެ ހުށަހެޅުންތަކުގައި ވަނީ މަޖިލީހުން ފާސްކޮށްފައިވާ 65 އަހަރުން މަތީ މީހުންނަށް ވެރިކަމަށް ކުރިމަތި ނުލެވޭ ގާނޫނާއި، ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް ބިލްކު ކުރެވޭ އިސްލާހުގެ އިތުރުން ގާނޫނުއަސާސީގެ އަސްލާއި އޭގެ ރޫހާ ޚިލާފު އިސްލާހުތައް އަލުން ހުށަހަޅައި އިސްލާހު ކުރުމަށް ހުށަހަޅާފައި އެވެ.
އެއްވެސް ބާވަތެއްގެ މަސްތުވާތަކެއްޗެއް، ބާރުގަދަ ވިޔަސް ބާރު ކުޑަވިޔަސް ދިވެހި މުޖުތަމައުގައި ބަލައިނުގަތުމަށް ހުށަހަޅާފައިވެ އެވެ. އަދި އަނިޔާލިބި، މަރުވެ، ގެއްލުވާލެވި، ޖަލަށްލެވި، އަރުވާލެވި، މުދަލަށް ގެއްލުން ލިބުނު ހުރިހާ ރައްޔިތުންނަށް އިންސާފު ލިބިދެވި ދައުލަތުން އޭގެ ގެއްލުމުގެ ބަދަލު ލިބިދިނުމަށް ވެސް ޖޭޕީން ވަނީ ގުޅިފައިވާ ޕާޓީތަަކަށް ހުށަހަޅާފައެވެ.
ކޯލިޝަން ސަރުކާރުގެ ބޮޑެތި ހުރިހާ ނިންމުމެއް ކޯލިޝަންގެ އިސްވެރިންގެ ކައުންސިލެއް އުފައްދާ އެކައުންސިލުން ފާސްކޮށް ކުރިއަށް ގެންދިއުމަށް ވެސް ޖޭޕީން ވަނީ އިލްތިމާސްކޮށްފައެވެ.
"ގުޅިފައިވާ ޕާޓީތަކަށް ޖުމްހޫރީ ޕާޓީން ހުށަހަޅާ ވައުދު" ގެ ނަމުގައި އާންމުކުރި މި ކަރުދާހާ ގުޅޭ ގޮތުން އިދިކޮޅު ކޯލިޝަން ގައި މަޝްވަރާ ކުރި ކަމެއް އަދި ނޭނގެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް