ވެރިކަން ކުރާ ޕީޕީއެމްގެ ޕަލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ކަމުން ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު އިސްތިއުފާދެއްވައިފި އެވެ.
ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުގެ އިތުރުން މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މުގައްރިރު ކަމުންވެސް އިލްހާމް ވަނީ އިސްތިއުފާދެއްވާފައި އެވެ. އިސްތިއުފާދެއްވި ސަބަބެއް ހާމަ ނުކުރައްވާ އިލްހާމް ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކަށް ފޮނުއްވި ލިޔުމުގައި ވިދާޅުވެފައިވަނީ އެ ދެ މަގާމުގައި ހުންނަވައިގެން މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނީ އުފާކުރައްވާ ކަމަށެވެ.
އިލްހާމް ވަނީ އެ ދެމަގާމުން އިސްތިއުފާދެއްވިކަން ދުވަހަށް ކަށަވަރުކޮށްދެއްވާފައި އެވެ. އިލްހާމް އަކީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ސޮއި ކުރެއްވި ޕީޕީއެމްގެ ދިހަ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނަވާ މެންބަރެކެވެ.
އިލްހާމް އަކީ ސަރުކާރުގެ ވެރިންނާއި ރައީސް އަބްދުﷲ ޔާމީން ވަރަށް އިތުބާރު ކުރެއްވި މެންބަރެކެވެ. ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ހުށަހެޅި އެ މައްސަލައިގަ މެންބަރު އިލްހާމް ސޮއި ކުރެއްވުމަށް ވަރަށް އަސަރުކޮށް ދެރަވި ކަމަށެވެ.
އިލްހާމް ދަނގެތީ ދާއިރާގެ މެންބަރުކަމަށް އިންތިހާބުވެވަޑައިގެންނެވީ ޖުމްހޫރީ ޕާޓިގެ ޓިކެޓުގައި އެވެ. ޕީޕީއެމްއަށް ސޮއި ކުރެއްވީ މިދިޔަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް