ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ދައުލަތުން ސެކިއުރިޓީ ދެމުން އަންނަތާ ގާތްގަނޑަކަށް ތިން އަހަރުވެފައިވާކަމުގައި ފުލުހުން ބުނެފިއެވެ.
ފުލުހުން މި މައުލޫމާތު ހާމަކޮށްފައިވަނީ ފުލުހުން މީޑިއާއަށް މައުލޫމާތު ހާމަކުރުމަށް ހަދާފައިވާ ވަޓްސްއެޕް ގްރޫޕްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
އުމަރު ނަސީރަށް ސެކިއުރިޓީ ދޭ ކަމަށްބުނެ މީހަކު ކޮށްފައިވާ ޓްވީޓެއްގެ ސްކްރީން ޝޮޓަކާއެކު އެއީ ތެދެއްތޯ އެހުމުން ފުލުހުން ބުނެފައިވަނީ އުމަރު ނަސީރަށް ފުލުހުން ސެކިއުރިޓީ ހަމަޖައްސައިދީފައިވަނީ އޭނާއަށް އިންޒާރު ދިން މައްސަލައަކާއި ގުޅިގެން ކަމަށެވެ. ނަމަވެސް މިހާރު އުމަރު ނަސީރަށް ސެކިއުރިޓީ ދޭންޖެހޭ ހާލަތެއް އޮތްދާ ބަލައި އޭނާއަށް ދޭ ސެކިއުރިޓީ ރިވިއު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ބުނެފައިވެއެވެ.
ސެކިއުރިޓީ ދޭން ފެށީ ކޮން އިރަކުން ފެށިގެންތޯ އެހެން ނޫސްވެރިއަކު އެހުމުން ފުލުހުން އިތުރަށް ބުނީ މިސެކިއުރިޓީ ދޭން ފެށީ އުމަރު ނަސީރަށް އިނޒާރު ދިން މައްސަލައެއްގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަށް ބިނާކޮށް ޖުލައި 2016ގައި ކަމަށެވެ.
"މި ސެކިއުރިޓީ ވަނީ އޭރުއްސުރެ އެކި ފަހަރުމަތިން ރިވިއު ކުރެވިފައި، މިގޮތުން މިދިޔަ އަހަރު ސަރުކާރު ބަދަލުވިފަހުންވެސް އުމަރު ނަސީރުގެ ސެކިއުރިޓީ ރިވިއު ކުރެވިފައިވޭ، އަދި މީގެ މަހެއްހާ ދުވަސް ކުރިންވެސް ސެކިއުރިޓީ ރިވިއު ކުރެވިފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ނަސީރު އެ މަގާމުން އިސްތިއުފާ ދެއްވީ 21 ޖޫން 2016ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް