ސްކޫލު ފީގެ ގޮތުގައި، އުކާލެވޭ ޕްލާސްޓިކް ބަލައިގަންނަ ސްކޫލެއް އިންޑިއާގައި

އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދު ކުރުމަށާއި ޕްލާސްޓިކުން ދުނިޔެއަށް ލިބެމުން އަންނަ ގެއްލުން ކުޑަކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އިންޑިއާގެ ސްކޫލަކުން ތަފާތު މިސާލެއް ދައްކަ...

05 Jun 2019 | 08:08

އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދު ކުރުމަށާއި ޕްލާސްޓިކުން ދުނިޔެއަށް ލިބެމުން އަންނަ ގެއްލުން ކުޑަކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އިންޑިއާގެ ސްކޫލަކުން ތަފާތު މިސާލެއް ދައްކައިފިއެވެ.

އެ ސްކޫލަކީ އިންޑިއާގެ އައްސާމް ސްޓޭޓްގެ ޑިސްޕޫރުގައި ހުންނަ އަކްޝަރު ފޯރަމް ސްކޫލެވެ. އެ ސްކޫލުން ދަރިވަރުން ކިޔެވުމުގެ ފީއަކީ ކޮންމެ ހަފްތާއަކު ކުނި ކޮތަޅެކެވެ. އެ ކޮތަޅުގައި ޕްލާސްޓިކްގެ 20 އައިޓަމް މަދުވެގެން ހުންނަން ޖެހެއެވެ. ގޭގައި އުކާލެވޭ ޕްލާސްޓިކާއި އެ ކުއްޖަކު ދިރިއުޅޭ ސަރަހައްދަކުން ހޮވާ ޕްލާސްޓިކް ކުނި އެ ކޮތަޅުގައި ހިމެނިދާނެ ކަމަށް އެ ސްކޫލުން ބުނެއެވެ.

އެ ސްކޫލުގައި 110 ދަރިވަރަކު ކިޔަވަމުން އަންނައިރު ފާއިތުވި ދެ އަހަރު އެ ސްކޫލުގައި ދަރިވަރުންނަށް ކިޔަވައިދީފައިވަނީ އެއްވެސް އަގަކާ ނުލައެވެ. ނަމަވެސް މި އަހަރު މިވަނީ ފީއެއް ކަނޑައަޅާފައެވެ. އެއީ އުކާލެވޭ ޕްލާސްޓިކްގެ ބާވަތްތަކެވެ.

މި ސްކޫލުން ވަނީ މި ސްކޫލަށް ދަރިވަރުން ފޮނުވާ ބެލެނިވެރިން ލައްވާ އެއްބަސްވުމެއްގައިވެސް ސޮއިކުރުވާފައެވެ. އެއީ ގޭގައި ޕްލާސްޓިކް ނު އަންދާނެ ކަމުގެ އެއްބަސްވުމެކެވެ.

މި ސްކޫލުން މިކަން ކުރަނީ ޕްލާސްޓިކުން ލިބޭ ގެއްލުމަށް ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރި ކުރުވުމަށް ކަމުގައި އެ ސްކޫލުން ބުނެފައިވެއެވެ. އަދި ސްކޫލަށް ކޮންމެ ހަފްތާއަކު ގެންނަން ޖެހޭ ޕްލާސްޓިކް ހިމެނޭ ކޮތަޅު ނުގެނެވުނަސް އެއްވެސް ދަރިވަރަކާމެދު ފިޔަވަޅު ނާޅާނެ ކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް