ތަކުރާރުކޮށް މަންމަގެ ފަރާތުން އަނިޔާ ލިބެމުން ދިޔަ ހަ އަހަރުގެ ކުއްޖަކު ތައިލެންޑް ފުލުހުން ސަލާމަތްކޮށްފިއެވެ.
މިކުއްޖާ ފުލުހުން ސަލާމަތްކޮށްފައި ވަނީ، އަވަށްޓެރިންނަށް މިކުއްޖާ ރޯ އަޑު އިވުމުން ފުލުހުންނަށް އެކަން އެންގުމުންނެވެ. ފުލުހުން އެ ގެއަށް އައި އިރު އެތައް ޒަޚަމްތަކަކާއި އެކު އިން ކުޑަ ކުއްޖަކު ފެނުނު ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތައި ފުލުހުން ބުނީ، އެކުއްޖާގެ މުޅި ގައިގައި އެކިއެކި ނިޝާންތައް ހުރިކަމަށާއި ޖިންސީ ގުނަވަނަށްވެސް އަނިޔާކޮށްފައި ވާކަމުގައެވެ. އެކުއްޖާގެ ހާލަތު ފެނުމުން ހަމަ އެވަގުތު އެކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ވެސް ތައި ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ، މަންމަ އާއި ދޮންބައްޕަ އާއި ދުރަށް އެކުއްޖާ ގެންދިއުމުން އެކުއްޖާ ހުރީ ވަރަށް ހިތްހަމަޖެހިފައި ކަމަށެވެ. އަދި ދޮންބައްޕަ އަނިޔާކުރާކަމަށް ވެސް އެކުއްޖާ ވަނީ ބުނެފައެވެ.
ފުލުހުން ސުވާލުކުރުމުން ކުއްޖާގެ މަންމަ ބުނީ، އަނިޔާ ކުރަނީ އަބަދު ގަޔަށް ކުޑަކަމުދާތީ ކަމުގައެވެ. އަދި ކޮންމެ ރެޔަކު އެނދަށް ވެސް ކުޑަކަމުދާކަމަށް އެކުއްޖާގެ 24 އަހަރުގެ މަންމަ ބުންޏެވެ. ފުލުހުން އަންހެން މީހާ ހައްޔަރުކުރަން އުޅުމުން ހައްޔަރު ނުކުރުމަށް އެމީހާ ތަކުރާރުކޮށް އެދުނެވެ. އަދި އޭނާގެ ދަރިފުޅު ބަލަން ޖެހޭނެ ކަމަށް ވެސް އެމީހާ ބުންޏެވެ.
އަނިޔާ ލިބެމުން ދިޔަ ކުއްޖާގެ ބައްޕަ އާއި ވަރިވުމަށްފަހު އެ އަންހެން މީހާ މިހާރު ކައިވެނިކޮށްގެން އުޅޭ މީހާއަށް އަންހެން ކުއްޖަކު ލިބިފައިވާކަމަށް އެ އަންހެން މީހާ ބުންޏެވެ. އަދި އޭނާ ހައްޔަރުކޮށްފި ނަމަ އެއް މަހުގެ ދަރިފުޅު ބަލާނެ މީހަކު ނުވާނެ ކަަމަށް ވެސް އެމީހާ ކޯޓުގައި ވަނީ ބުނެފައެވެ.
އެކުއްޖާގެ ދޮންބައްޕަ ކޯޓުގައި ބުނެފައި ވަނީ އޭނާގެ ދޮން ދަރިފުޅުގެ ފަރާތުން މައާފަށް އެދެން ބޭނުންވާ ކަމުގައެވެ.
އެ ކުއްޖާ މިހާރު ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި ދެމަފިރިން މިހާރު ވަނީ ތައި ފުލުހުންގެ ބެލުމުގެ ދަށުގައެވެ. މި ދެމީހުންގެ މައްޗަށް އަދި ވަކި ހުކުމެއް އިއްވާފައިނުވާ ކަމަށްވެސް ތައިލެންޑްގެ ރިޕޯޓުތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް