ހަންޓަ ވައިރަސް ފެނުނު ކްރޫޒް ޝިޕް މާކަނޑުގައި -
އެޓްލާންޓިކް ކަނޑުގައި ދަތުރުކުރަމުން ދިޔަ ކްރޫޒް ޝިޕެއްގައި ހަންޓަ ވައިރަސް ފެތުރި ތިން ފަސެންޖަރުން މަރުވެ، ޖުމްލަ ހަތް ކޭހެއް ފެނިފައިވާ އިރު، ބޯޓަށް ބަނދަރު ކުރެވޭނެ ގޮތެއް ނެތި 149 މީހުން ކަނޑުމަތީގައި ތާށިވެފައިވާ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.
ނެދަލެންޑްސްގެ އޯޝަންވައިޑް އެކްސްޕެޑިޝަންސް ކުންފުނިން ހިންގާ އެމްވީ ހޮންޑިއުސް ދަތުރު ފެށީ އެޕްރީލް އެކެއްގައި އާޖެންޓީނާގެ އުޝުއާޔާ އިންނެވެ. އެންޓާޓިކާ އާއި އިނގިރޭސިވިލާތުގެ ސެއިންޓް ހެލީނާ މަގުން ދަތުރުކޮށް، މިހާރު ބޯޓު އޮތީ ހުޅަނގު އެފްރިކާގެ ޖަޒީރާ ޤައުމެއް ކަމަށްވާ ކޭޕް ވާޑެގެ ވެރިރަށް ޕްރައިއާ ބަނދަރު ކައިރީގައެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޭޕް ވާޑެ ސަރުކާރުން ބޯޓު ބަނދަރު ކުރުމުގެ ހުއްދަ ދީފައެއް ނުވެއެވެ. ބޯޓުގައި 23 ޤައުމެއްގެ 88 ފަސެންޖަރުންނާއި 61 ކުރޫ މެންބަރުން ހިމެނޭ އިރު، އޭގެ ތެރޭގައި 17 އެމެރިކާ ރައްޔިތުން ހިމެނެއެވެ.
ޑަބްލިއުއެޗްއޯ އިން ހޯމަ ދުވަހު ބުނީ ހަތް ކޭހެއް ފާހަގަކުރެވިފައިވާ ކަމަށާއި، އޭގެ ތެރެއިން ދެ ކޭހެއް ލެބޯޓަރީ ޓެސްޓުން ކޮންފާމްވެފައިވާ ކަމަށެވެ. ހުރިހާ ޕޭޝަންޓުން ބަލިވީ އެޕްރީލް ހައެއް އާއި 28 ގެ ދެމެދުގައެވެ. އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ހަޖަމުގެ ނިޒާމުގެ މައްސަލަތައް ފެނި، ބައެއް ކޭސްތައް އަވަހަށް ނިއުމޯނިއާ އަށް ބަދަލުވީ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މަރުވި ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ނެދަލެންޑްސްގެ ދެމަފިރިންނެވެ. 70 އަހަރުގެ ފިރިހެން މީހާ އެޕްރީލް 11 ގައި ބޯޓުމަތީގައި މަރުވި އިރު، 69 އަހަރުގެ އަނބިމީހާ ޖޮހެނެސްބާގުގެ އެއާޕޯޓުގައި ވެއްޓި ހޮސްޕިޓަލުގައި މަރުވީއެވެ. ދެކުނު އެފްރިކާގެ ހެލްތު މިނިސްޓަރ ވިދާޅުވީ އަންހެން މީހާގެ ލޭގެ ޓެސްޓުން ވެސް ހަންޓަ ވައިރަސް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ތިންވަނަ މީހާ އަކީ ޖަރުމަނު ރައްޔިތެކެވެ. އޭނާ މެއި ދޭއްގައި ބޯޓުގައި މަރުވި ނަމަވެސް ސީދާ ސަބަބު އަދި ކަށަވަރެއް ނުވެއެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގެ ރައްޔިތަކު ދެކުނު އެފްރިކާގެ ހޮސްޕިޓަލެއްގައި އައިސީޔޫގައި ފަރުވާ ހޯދަމުންދާ އިރު، އޭނާ އަކީ ދެވަނަ ކޮންފާމް ކޭސް ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެއެވެ.
ނެދަލެންޑްސް ސަރުކާރުން ދަނީ ޚާއްޞަ މެޑިކަލް މަތިންދާބޯޓު ދޭއް ތައްޔާރުކުރަމުންނެވެ. ބޯޓުގައި ތިބި ބަލީގެ އަލާމާތް ހުރި ދެ ކުރޫ މެންބަރުން — އެކަކީ އިނގިރޭސި ރައްޔިތެއް، އަނެކަކީ ނެދަލެންޑްސް ރައްޔިތެއް — އިވެކުއޭޓް ކުރުމަށެވެ. ކުންފުނިން ބުނީ ކެނެރީ އައިލެންޑްސްގެ ލާސް ޕާލްމާސް ނުވަތަ ޓެނެރީފެ އަށް ބޯޓު ގެންގޮސް ބަނދަރު ކުރުމާ މެދު ވިސްނަމުންދާ ކަމަށެވެ.
ހަންޓަ ވައިރަހަކީ މީދާ ފަދަ ޖަނަވާރުންގެ ނަޖިހާއި ކުޑަކަމުދާ ތަކެތީގެ ޒަރީޢާ އިން އިންސާނުންނަށް ފެތުރޭ ވައިރަހެކެވެ. އިންސާނުންގެ ދެމެދުގައި ފެތުރޭ ކަމުގެ ހެކި ހުރީ ދެކުނު އެމެރިކާ އިން ފެންނަ "އެންޑީޒް" ވޭރިއެންޓުން އެކަންޏެވެ. ޑަބްލިއުއެޗްއޯގެ ޔޫރަޕް ސަރަޙައްދީ ޑިރެކްޓަރ ޑރ. ހެންސް ކްލޫޖް ވިދާޅުވީ ޢާންމުންނަށް ނުރައްކާ ކުޑަ ކަމަށާއި ބިރުގަންނަން ނުޖެހޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް