ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕު (ޓީއެފްޖީ) ގުޅިގެން ކުރިޔަށް ގެންދާ "ބީއެމްއެލް ވާއު ކިޑްސް ރަން" ކާމިޔާބު ކަމާއި އެކު ނިންމާލައިފި އެވެ.
މި ހަރަކާތުގައި މިއަހަރު 900 ކުދިންނާއި ބެލެނިވެރިންނާއި އެކު ޖުމްލަ 1800 ބައިވެރިން ދުވެފަ ވެއެވެ. ބީއެމްއެލްއިން ބުނީ ދުވުން ނިންމި ހުރިހާ ކުދިންނަށް މެޑަލް ހަދިޔާ ކުރީ އެ ބޭންކާއި ޓީއެފްޖީގެ އިސްވެރިން ކަމަށެވެ.
މިފަހަރުގެ ދުވުމުގައި ބައިވެރިވި ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ ކުދިންގެ ދުވުން ފެށީ ބޭންކް އޮފް މޯލްޑިވްސް މަޖީދީމަގު ބްރާންޗް ކުރިމަތިންނެވެ. ފަސް އަހަރާއި ހަތް އަހަރާއި އަދި ހަތް އަހަރާއި ނުވަ އަހަރާ ދެމެދުގެ ކުދިންގެ ދުވުން ފެށީ މަޖީދީ މަގު އާޓިފިޝަލް ބީޗު ކުރިމަތިންނެވެ.
އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ ދުވުން ކުރިޔަށް ގެންދިޔައީ ޗެރިޓީ ދުވުމެއްގެ ގޮތުގައި އެވެ.
އެގޮތުން ދުވުމުގައި ބައިވެރިވި ކުދިންނަށް ބީއެމްއެލް މެދުވެރިކޮށް ކެއާ ސޮސައިޓީއަށް އެހީވުމަށް ހުޅުވާލި ފުރުސަތުގައި 130،800 ރުފިޔާ ލިބުނު ކަމަށް ބީއެމްއެލްއިން ބުނެ އެވެ. އަދި ދުވުމުގައި ބައިވެރިވުމަށް ޓީއެފްޖީގައި ރަޖިސްޓްރީ ކުރި ކުދިން އަތުން ނެގި ފީގެ 15 ޕަސެންޓު ކެއާ ސޮސައިޓިއަށް ހަދިޔާކުރުމަށް ނިންމި އެވެ. ޓީއެފްޖީ އިން ބުނީ ކުދިންގެ ފީއިން 30،150 ރުފިޔާ އެ ޖަމިއްޔާއަށް ދޭނެ އެވެ.
ބީއެމްއެލްއާއި ޓީއެފްޖީން ވެސް މި ފައިސާ މިއަދުގެ ދުވުމަށް ފަހު ވަނީ ކެއާ ސޮސައިޓީ އާއި ހަވާލުކޮށްފަ އެވެ.
މި ދުވުމަކީ މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޓީއެފްޖީ އާއި ގުޅިގެން ކުރިޔަށް ގެންދާ ދުވުމެކެވެ. މިއީ މި ދުވުން ކުރިޔަށް ގެންދާ ތިން ވަނަ އަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް