ގާސިމްގެ ބަންދަށް ހަތަރު ދުވަސް އިތުރުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބަންދަށް ހަތަރު ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ. ގާސިމް 15 ދުވަހަށް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރީ ފަނޑިޔާރުންނާ...

05 May 2017 | 13:42

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބަންދަށް ހަތަރު ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.

ގާސިމް 15 ދުވަހަށް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރީ ފަނޑިޔާރުންނާއި ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވަން މަސައްކަތްކުރިކަމުގެ ތުހުމަތުގައި އާއި ޤާނޫނީ ސަރުކާރު ވައްޓާލަން ރާވަމުންދާކަމުގެ ތުހުމަތުގެ އިތުރުން މަޖިލީސް މެންބަރުންނަށް ރިޝްވަތުދޭން އުޅޭކަމުގެ ތުހުމަތުގައި އެވެ. އެ މުއްދަތު މާދަމާ ހަވީރަށް ހަމަވާނެ އެވެ.

މިއަދުގެ މުއްދަތު އިތުރު ކުރުމުގެ މަޖިލީހަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމްގެ ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ އިތުރު ހަތަރު ބަންދަށް އިތުރު ކުރީ ފުލުހުންގެ އެދުމުގެ މަތިން ކަމަށެވެ. އެކަމަކު މުއްދަތު އިތުރު ކުރަން ޖެހޭ އިތުރު ހެއްކެތް ފުލުހުން ހުށަނާޅާ ކަމަށް ހިސާން ވިދާޅުވި އެވެ.

ގާސިމްގެ ބަންދަށް އިތުރު ކުރި ހަތަރު ދުވަސް ގުނަން ފަށާނީ މާދަމާ ހަވީރުން ފެށިގެންނެވެ.

ކްރިމިނަލް ކޯޓުން ގާސިމްގެ ބަންދަށް ޖެހި 15 ދުވަހުގެ އަމުރު އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ އެ އަމުރަށް ތާއީދުކޮށްފައި އެވެ.

މީގެ ކުރިން ފުލުހުން ގާސިމް ހައްޔަރު ކުރި މައްސަލައިގަ ކްރިމިނަލް ކޯޓުން މުއްދަތު ޖެހި މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ދޫކޮށްލަން އަމުރުކޮށްފައި އެވެ. އެފަހަރު އަމުރުގައި ބުނެފައިވަނީ ގާސިމް ހައްޔަރުކޮށްފައިވަނީ އިމްތިޔާޒު ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ގާސިމް ހައްޔަރު ކުރުމުގެ އަމުރަށް އެދެންޖެހޭނީ ޕީޖީ ކަމަށެވެ.

އެހެންވެ މިފަހަރު ފުލުހުން ގާސިމް ހައްޔަރު ކުރީ ޕީޖީ ކްރިމިނަލް ކޯޓުގައި ގާސިމް ހައްޔަރު ކުރުމަށް އަމުރު ނެރެދިނުމަށް އެދުމުން އެ ކޯޓުން ނެރުނު އަމުރަކާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް