ހެޔޮ އަގުގައި ތެޔޮ ހޯދުމަށް ސައުދީ އާއި އެކު ސޮއި ކުރަނީ

ރާއްޖެއަށް އަގު ހެޔޮކޮށް ތެޔޮ ހޯދުމަށް ސައުދީ އަރަބިއްޔާ އާއި އެކު ވަރަށް އަވަހަށް އެއްބަސްވުމެއް އެކުލަވާލެވިގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. ރޭ ޕީޕީއެމްއިން ބޭ...

05 May 2017 | 03:52

ރާއްޖެއަށް އަގު ހެޔޮކޮށް ތެޔޮ ހޯދުމަށް ސައުދީ އަރަބިއްޔާ އާއި އެކު ވަރަށް އަވަހަށް އެއްބަސްވުމެއް އެކުލަވާލެވިގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރޭ ޕީޕީއެމްއިން ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސައުދީ ސަރުކާރާ ދިވެހި ސަރުކާރާއި ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއް އުފެދިފައި ކަމަށެވެ. އެގޮތުން ސައުދީގެ ގައުމީ ތެޔޮ ކުންފުނި އަރަމް ކޯއިން ރާއްޖެއަށް ސާފު ނުކުރާ ތެޔޮ ފޯރުކޮށްދޭން އެއްބަސް ވެފައިވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މި އެއްބަސްވުން ގާއިމް ކުރެވިއްޖެ ނަމަ ތެލުގެ އަގު ހެޔޮވެ ތެލުން އުފައްދާ އެއްޗެހީގެ އަގު ހެޔޮވާނެ ކަމަށެވެ. އެއްބަސްވުމުގެ މަސައްކަތް ގޮސްފައިވާ ހިސާބާ ބެހޭގޮތުން ރައީސް ވިދާޅުވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު މިހާރު ހުންނެވީ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ސައޫދީގެ ވެރިރަށް ރިޔާޒުގަ ގައި ކަމަށެވެ.

" މީގެ ކުރިން ސައުދީ ރަސްގެފާނުގެ އަރިހުގައި އަޅުގަނޑު އެތައް ފަހަރަކު ދަންނަވައިގެން ސައުދީ ނޭޝަނަލް އޮއިލް ކުންފުނި އަރަމްކޯ ކޯއިން އަޅުގަނޑުމެނަށް ސާފުނުކުރާ ތެޔޮ، ކުރުޑް ތެޔޮ ދޭން އޮތީ އެއްބަސްވެފައި. އެކަން ވެއްޖެ ކަމަށްވާނަމަ، ތެލުން އުފައްދާ އެއްޗެހީގެ އަގު ހެޔޮ ކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ 1.2 ބިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ބަނަވެފައި އޮތް ދުނިޔެ އިން ނިކުންނަން ބޭނުންނަމަ، "ހޮރުން" ނުކުންނަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެއާޕޯޓު ތަރައްގީ ކުރަން ނެގި ލޯނު އަނބުރާ އަދާ ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެއީ ދިވެހި ރައްޔިތުންގެ ބޮލުގައި އަޅުވާނެ ދަރަންޏެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް