އެމްޑީޕީ ލޮރީ ބުރު މާލޭގައި ބާއްވަން ހުއްދައެއް ނުދިން!

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން އާ ގުޅިގެން އިދިކޮޅު އެމްޑީޕީން ކުރިޔަށް ގެންދަން ރާވާފައިވާ ލޮރީ ބުރު މާލޭގެ މަގުތަކުގައި ކުރިޔަށް ނުގެންދެވޭނެ ކަމަށް ފުލުހުން ބުނެފި އެވެ. ކެމްޕެއިން...

05 May 2017 | 02:27

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން އާ ގުޅިގެން އިދިކޮޅު އެމްޑީޕީން ކުރިޔަށް ގެންދަން ރާވާފައިވާ ލޮރީ ބުރު މާލޭގެ މަގުތަކުގައި ކުރިޔަށް ނުގެންދެވޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

ކެމްޕެއިން ލޮރީބުރު ބޭއްވުމުގެ ހުއްދައަށް އެދި އެމްޑީޕީން ޕޮލިސް ކޮމިޝަނަރު ހުސައިން އަރީފަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ މަގުތަކުގައި ޕިކަޕް ބުރު ބާއްވާނީ އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނުގެ 28 ވަނަ މާއްދާގެ ށ. އާއި ކައުންސިލް އިންތިހާބުގެ ގަވައިދުގެ 22 ވަނަ މާއްދާގެ އަށް` ވަނަ ނަންބަރުގެ ދަށުން ކަމަށެވެ.

ޕޮލިސް ކޮމިޝަނަރު އެމްޑީޕީއަށް ފޮނުވާފައިވާ ޖަވާބުގައި ބުނެފައިވަނީ 13 ޕޮކަޕުގައި އަޑުގަދަ ކުރާ ބޭނުންކޮށްގެން ބާއްވާ ޕިކަޕު ބުރެއް މާލޭގެ މަގުތަކުގައި ނުބެއްވޭނެ ކަމަށެވެ. އެއީ މާލޭގެ މަގުތަކުގައި ތަފާތު އުމްރާނީ މަސައްކަތްކުރަމުންދާތީ މަގުތަކުތަކުގެ ޓްރެފިކް ބާރުބޮޑުވުމާ އަދި އާއްމުންނަށް ދަތިތަކާ ދިމާވެދާނެތީ އެދިފައިވާ ގޮތަށް މާލޭގެ މަގުތަކުގައި މިވަގުތު ލޮރީ ބުރު ބޭއްވުމަށް ހުއްދަ ދިނުމަކީ ދަތިކަމެއް ކަމަށެވެ.

އެކަމަކު އެމްޑީޕީން ބޭނުންނަމަ މި ލޮރީ ބުރު ހުޅުމާލޭގައި ބޭއްވުމުގެ ހުއްދަ ފުލުހުން ވަނީ ދީފައި އެވެ.

އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުންތައް ބޭއްވުމުގެ ފުރުސަތު ފުލުހުންނާއި ކަމާ ބެހޭ ފަރާތްތަކުން ނުދޭ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ. އެގޮތުން އެމްޑިޕީގެ ކެމްޕެއިން ޖަލްސާ ކާވަލުގައި ބޭއްވުމުގެ ހުއްދައެއްވެސް ހައުސިން މިނިސްޓްރިން ނުދިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް