ކޯވިޑް-19 އިން ރައްކާތެރިވުމަށް އާންމުކޮށް މާސްކު އެޅުމާއި ފޮތި މާސް އެޅުންފަދަ ކަންކަމާއި މެދު ރާއްޖޭގައި ކޯވިޑް-19 އާއި ގުޅިގެން އުފައްދާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ވިސްނުން އަދި ބަދަލު ނުވާކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
އިއްޔެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ އާއްމު ތަންތަނުގައި މީހުން އަނގަ އާއި ނޭފަތް ނިވާ ކުރުމަށް ފޮތި މާސްކު އަޅަން ގައުމުތަކުގެ ސަރުކާރުން ހިތްވަރު ދިނުމަކީ ތާއީދު ކުރާ ކަމެއް ކަމަށް ބުނެފައި އެވެ. ޑަބްލިއުއެޗްއޯއިން އެފަދައިން ބުނެފައި ވަނީ، ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ގޮތުން މާސްކު އެޅުމަކީ ރަނގަޅު ފިޔަވަޅަކަށް ވެދާނެ ކަމަށް ބައެއް ދިރާސާތަކުން ދެއްކި ފަހުންނެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ އެ އިރުޝާދު ދީފައިވަނީ ކޯވިޑް-19 އާންމުންގެ މެދުގައި ފެތުރޭ ގައުމުތަކަށް ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ. އަދި އެކި ޑޮކްޓަރުންގެ ހިޔާލު މިކަމުގައި ތަފާތު ވާނެ ކަމަށާއި ރާއްޖޭގެ އެޑްވައިޒަރީ ޓީމުން ކުރިންވެސް ނިންމާފައިވާ ގޮތް ކަމަށްވާ އާންމު ތަންތަނުގައި މާސް އެޅުން އަދި ރާއްޖޭގައި މުހިންމެއް ނޫނެވެ.
ޑރ. މުރާދު ވިދާޅުވީ ރާއްޖޭގައި ބަލި އޮތީ އަދިވެސް ކޮންޓްރޯލް ކުރެވިފައިކަމަށެވެ. އެކަމަކު އަމިއްލަ ފަރުދަކު އާންމުކޮށް މާސްކު އަޅަން ބޭނުންނަމަ އެކަމަށް ހުރަސް ނާޅާނެ ކަމަށެވެ. އޭނާ ވިދާޅުވީ ބަލި ނުފެތުރޭނަމަ އާންމުކޮށް މާސްކު އެޅުމަކީ ބަލިތަކުން ރައްކާތެރިވާނެ ކަމެއް ކަމަށް ބުނާ ހެއްކެއް އެއްވެސް ދިރާސާއަކުން އަދި ހޯދިފައި ނުވާ ކަމަށެވެ.
އެކަމަކު ކޯވިޑް-19 އަކީ އެއްވެސް މީހަކަށް ބަލި ފެތުރެމުންދާ ގޮތުގެ ހަގީގަތް އެނގޭ ބައްޔަކަށް ނުވާތީ މި ނިންމުންވެސް ބަދަލު ކުރަން ޖެހިދާނެ ކަމަށް ވިދާޅުވި އެވެ.
ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އަމަލު ކުރަން މިހާރު އަންގާފައިވާ ގޮތުގެ އިތުރަށް، މާސްކު އެޅުމަކީ ކޮރޯނާވައިރަހާ ދެކޮޅަށް ކުރެވިދާނެ ކަމެކެވެ. އެއީ މާސްކު އެޅުމަކީ، ވައިރަސް ހުރި ނަމަވެސް އަލާމާތްތައް ނުފެންނަ މީހުންގެ ފަރާތުން އެހެން މީހުންނަށް ވައިރަސް ފެތުރުން ކުޑަ ކުރެވޭނެ ގޮތަކަށްވާތީ އެވެ.
ކޮރޯނާ ވައިރަސް ފެތުރެން ފެށިތާ ކައިރީގައި އެމެރިކާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކުގައި ކުރި ދިރާސާތަކަށް ފަހު ބުނެފައިވަނީ އާންމުންގެ މެދުގައި ބަލި ފެތުރެން ފެށުމުން ނޫނީ އާންމު ދިރިއުޅުމުގައި މާސްކު އެޅުމަކީ ބޭނުން ކަމެއް ނޫންކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް