ޡަޤީފްގެ ސިޔާސީ ދަތުރު

ވައިކަރަދޫ ދާއިރާގެ މަޖްލިސް އިންތިހާބުގައި ވާދަކުރައްވާ ހދ. ވައިކަރަދޫ، ހިސާން، ހުސައިން ޘަޤީފްއަކީ އެރަށު އިހްސާން ހުސައިން އާއި ޝަފީޤާ އަލީގެ އަށް ލިބުނު 7 ކުދިންގެ ތެރެއިން 4 ވަނަ ކުއްޖާއެވެ. ވައި...

05 Apr 2019 | 09:55

ވައިކަރަދޫ ދާއިރާގެ މަޖްލިސް އިންތިހާބުގައި ވާދަކުރައްވާ ހދ. ވައިކަރަދޫ، ހިސާން، ހުސައިން ޘަޤީފްއަކީ އެރަށު އިހްސާން ހުސައިން އާއި ޝަފީޤާ އަލީގެ އަށް ލިބުނު 7 ކުދިންގެ ތެރެއިން 4 ވަނަ ކުއްޖާއެވެ.

ވައިކަރަދޫގެ ކަނބަލަކާއި ކައިވެނި ބައްލަވައިގެން އުޅުއްވާ ޘަޤީފްއަކީ 2  ކުދިންގެ ބައްޕައެކެވެ.

ވައިކަރަދޫގައި ހުންނަ ހދ އަތޮޅު މަދަރުސާއިން ތައުލީމީ ހަޔާތް ފަށްޓާއި 10  އަހަރުގެ ކިޔެވުން ނިންމާލުމަށްފަހު މާލެއައިސް އޭރުގެ ސައިރިކްސް ކޮމްޕިއުޓަރ ޓްރެއިނިންގ ސެންޓަރާއި ގުޅި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ޘަޤީފްވަނީ ތައުލީމް ހާސިލްކޮށްފައެވެ. ކުޑައިރުއްސުރެ އައިޓީ ދާއިރާއަށް ޙާއްސަ ޝައުޤުވެރިކަމެއް ގެންގުޅެމުން އައި ޘަޤީފްވަނީ އައިޓީ ދާއިރާގެ ގިނަ ވަޒީފާތަކެއް އަދާކޮށްފައެވެ. އެންމެންވެސް ދަންނަ ކްލިކް ކޮމްޕިއުޓަރސް ފަދަ މަޝްހޫރު ފިހާރަތަކުގެ އައިޓީ ޓެކްނީޝަނެއްގެ ވަޒީފާއިން ޓޫރިޒަމް ދާއިރާގެ ނަން ހިނގާ ބޮޑެތި އެތައް ރިޒޯޓެއްގެ އައިޓީ މެނޭޖަރުކަންވެސް ޘަޤީފްވަނީ އަދާކޮށްފައެވެ.

ދަތުރުގެ މިސްރާބު ބަދަލުކޮށް ސިޔާސީ ކަނޑަށް

ޓޫރިޒަމް ދާއިރާގައި އަދާކުރަމުން ގެންދިޔަ ވަޒީފާ ދޫކޮށްލާ ރަސްމީ ސިފައެއްގައި ޘަޤީފް ސިޔާސީ ދާއިރާއަށް ނިކުތީ 2014 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައެވެ. ޕީޕީއެމް ޓިކެޓުގައި ވައިކަރަދޫ ދާއިރާގެ ކައުންސިލް މެމްބަރުކަމަށް ވާދަކޮށް ވަރަށް ފުރިހަމަ އަޤުލަބިއްޔަތަކުން އިންތިހާބު ކާމިޔާބުވެސް ކުރެއްވިއެވެ.

ސިޔާސީ ކަނޑަށް ނިކުމެ ރިޔަލުގައި ވައި އަޅުވާލާ ޘަޤީފްގެ ސިޔާސީ އޮޑި ހީވެސް ނުކުރާހާ ބާރުމިނެއްގައި ދުއްވާ ކުރި އަރައިގެންދިޔައެވެ. ހދ އަތޮޅު ކައުންސިލްގައި ވައިކަރަދޫ ދާއިރާގެ މެމްބަރު ކަމުގެ އިތުރުން ހދ އަތޮޅު ކައުންސިލްގެ ރައީސްކަން ކުރައްވާ ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ކޮށްދިނެވެ. އެގޮތުން ހދ އަތޮޅު ޤުރުއާން މުބާރާތް ފެންވަރު ރަނގަޅުކޮށް ޑިޖިޓަލައިޒް ކުރެވިގެންދިޔައެވެ. ހދ އަތޮޅުން ޕާސްޕޯޓު ލިބޭނެ އިންތިޒާމްތައް ހަމަޖައްސާ އަތޮޅުގެ ޚިދުމަތްތެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން ތިލަދެކުނު ޝަރަފުވެރިކަމުގެ އެވޯޑު ދޭންފެށުނެވެ. ހދ އަތޮޅަށް ޓުއަރިޒަމް ތަޢަރަފް ކުރުމަށް ހަރުއަޑުން އަޑު އުފުލާ އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރިއެވެ. ލޭ ހަދިޔާ ކުރާ ދަފްތަރެއް އެކުލަވާލިއެވެ. ވައިކަރަމުރައިދޫގެ އެއްފަޅި ދަތުރު ދިއުމަށް ބޭނުންކުރެވޭނެ ގޮތަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. ކުޅިވަރުގެ މުބާރާތްތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވިއެވެ.

ދަތިއަޅުވައި ހިފެހެއްޓީ

ސިޔާސީ މައިދާނުގައި ޘަޤީފް ކުރަމުންދިޔަ މަސައްކަތުގައި ބުރެކި ޖެހުނު ހިސާބަކީ އޭރުގެ ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް އިސްލާހުތައް ގެނެސް ކައުންސިލްތަކުގެ ބާރުތައް ކައުންސިލްތަކުން ނިގުޅައިގެން ހިސާބުންނެވެ.

ޓުއަރިޒަމް ގެނައުމަށް އުފުލަމުންދިޔަ އަޑު ކަނޑުވާލިއެވެ. ސަރުކާރު ހިންގާ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ކައުންސިލްގައި ހުރި ނަމަވެސް ސަރުކާރުގެ އެއްބާރުލުމެއް ނުދިނެވެ. ކުރިމަތި ކުރުވި ދަތިތަކަށް ހައްލު ހޯދުމަށް ކުރި މަސައްކަތުގައި ސަރުކާރުން ދަތި އަޅުވާ ހިފެހެއްޓި ހިސާބުންވެސް ޘަޤީފްގެ އަޒުމެއް ގުޑުވާ ނުލެވުނުވެ. ސަރުކާރުން ކުރިމަތި ކުރުވަމުންދިޔަ ފިއްތުންތަކަށް އިހްތިޖާޖް ކުރުމުގެ ގޮތުން ކައުންސިލްގެ މެމްބަރުކަމުން އިސްތިއުފާދިނެވެ.

މަޤާމުން އިސްތިއުފާ ދިނުމަށްފަހުގައިވެސް ވައިކަރަދޫ ދާއިރާއާއި ތިލަދުންމަތީގެ ހާލަތު ސަމާލުކަމަށް ގެނައުމަށް ޘަޤީފް ގެންދިޔައީ އަޑު އުފުލާ އެކަންކަމަށް ވަކާލަތު ކުރަމުންނެވެ. އެކަންކަމަށް ހައްލެއް ހޯދަދިނުމުގެ މަޤްޞަދުގައި ޘަޤީފް މިއަދު އެހެރީ މަޖްލީހުގެ އިންތިހާބަށް ނިކުމެއެވެ. ﷲ ގެ ރަހުމަތާއެކު އިންތިހާބު ކާމިޔާބުކޮށް ވައިކަރަދޫ ދާއިރާއާއި މުޅި ތިލަދުންމައްޗާއި ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތުކޮށްދީ އެކަންކަން ކަށަވަރުކޮށްދިނުމުގެ އަޒުމުގައެވެ.

މިއަދުވެސް ޘަޤީފް ޤަބޫލުކުރާ ހަޤީގަތެއް އެބައޮތެވެ، އެއީ އެބައެއްގެ ހާލަތު ބަދަލުކުރާނީ އެބަޔަކުއެވެ. ޘަޤީފް އެދެނީ އޭނާގެ މިމަސައްކަތުގައި ރައްޔިތުން ނިކުމެ އޭނައަށް އެއްބާރުލުން ދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް