އަދާލަތު ޕާޓީގެ ޓިކެޓުގައި ވައިކަރަދޫ ދާއިރާއަށް ވާދަކުރައްވާ ހދ ވައިކަރަދޫ ހިސާން، ހުސައިން ޘަޤީފް ރައްޔިތުން މަޖްލީހުގެ އިންތިހާބާއި ކުރިމަތިލީ ސަރަހައްދީ ފިކުރެއް ހިފައިގެންނެވެ. ކޮފީތަކުންނާއި ހޮޅުއަށިތަކުންނާއި ގޭގޭގެ އޮޅިގަނޑުތައް ހުރަސްކޮށްވެސް ޘަޤީފް ކިޔައިދިނީ މިފިކުރެއްގެ ވާހަކައެވެ. މިތަސައްވަރުގެ ވާހަކައެވެ. މިތަސައްވަރު ހަޤީޤަތަކަށް ހަދާ ތިލަދުންމަތީގެ ރައްޔިތުންގެ އަސްލު ހައިބަތު އަނބުރާ އިޢާދަކުރާނޭ ގޮތުގެ ވާހަކައެވެ.
ހައްލުކުރަންހުރި މައްސަލަތައް ގިނަ
2014 ވަނަ އަހަރުގެ ކައުންސިލް އިންތިހާބާއި އެކު ސިޔާސީ ދާއިރާއަށް ރަސްމީކޮށް ނިކުތް ޘަޤީފް ފާހަގަކުރި ގޮތުގައި ކައުންސިލްގެ ދައުރުގައާއި އެއިގެ ފަހުންވެސް މިވޭތުވެދިޔަ ދުވަސްތަކުގައި ލިބުނު ތަޖުރިބާއިން އެނގި ހާމަވެގެންދިޔައީ ވައިކަރަދޫ ދާއިރާގައި އަދި ޖުމްލަކޮށް މުޅި ތިލަދުންމަތީގައިވެސް ހައްލުކުރަންހުރި މައްސަލަތައް ގިނަ ކަމެވެ.
ޘަޤީފް ބުނި ގޮތުގައި ދާއިރާގެ ރަށްތަކުގައި ދޮރުން ދޮރަށް ހިނގުމުގެ ތެރެއިން ދާއިރާގެ ރައްޔިތުންނަށް ދިމާވެފައިވާ އަސްލު މައްސަލަތައް ދެނެގަނެވިފައިވާ ކަމަށެވެ. ރައްޔިތުންގެ މާޔޫސްވުމާއި ކަންބޮޑުވުންތައް ގުޅިފައިވަނީ ކޮންކޮން ކަންކަމަކާއި ކަންވެސް ދެނެގަނެވިފައިވާ ކަމަށް ޘަޤީފް ބުންޏެވެ.
މިކަންކަމުގެ ހައްލު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ގިނަކަން ފާހަގަކޮށް ޘަޤީފް ބުނީ އެންމެ ބޮޑު ކަމެއްގެ ގޮތުގައި ކުރަންޖެހޭކަމަކީ އިޤްތިސާދީ ގޮތުން ރައްޔިތުން ބާރުވެރި ބަޔަކަށް ހެދުން ކަމަށެވެ. މިއާއެކު މިހުރިހާ ކަމެއްގެ ކުރިންވެސް ރައްޔިތުންނަށް ފަހިވާނެ ގޮތަކަށް ރައްޔިތުންނަށް ފައިދާތަކެއް ކުރާނެ ފަދަ ގޮތަކަށް ލާމަރުކަޒީ ނިޒާމް ބައްޓަންކުރަން ޖެހޭ ކަމަށް ޘަޤީފް ފާހަގަކުރިއެވެ.
ޘަޤީފް ބުނިގޮތުގައި މާދަމާގެ ވޯޓުގައި ރައްޔިތުން އޭނާއަށް އާނބަސް ބުނުމަށް އެދޭނެކަމަށާއި ރައްޔިތުންނަށް ދިމާވެފައި މިވާ ކަންކަން ހައްލުކޮށް ދިނުމުގައި މާޒީވެ ދިޔަ ތަނާއި ޚިލާފަށް ރައްޔިތުންގެ މަޖްލިސް ތެރެއިން ވައިކަރަދޫ ދާއިރާއަށް ނިސްބަތްވާ މެމްބަރު ތަފާތު ދައްކާތަން ރައްޔިތުންނަށް ފެނިގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް