ހަގީގަތެއް ނެތް މެސެޖުތަކެއް ދާއިރާގެ ރައްޔިތުންނަށް ދައުރު ކުރުމަކީ ފިނޑި އަމަލެއް ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމުގައި ގައްދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެނޑިޑޭޓް ނަމްބަރު 1 އަހްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކެނޑިޑޭޓް އަހްމަދު ޒާހިރު މިހެން ވިދާޅުވީ މިކަމާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސް ބަޔާނުގައި އޭނާ ވިދާޅުވެފައިވަނީ އޭނާގެ ނަމުގައި ގައްދޫ އަދި ވާދޫ ރައްޔިތުންނަށް އެއްވެސް ހަގީގަތެއް ނެތް މެސެޖުތަކެއް ދައުރުވަމުންދާ ވާހަކަ ދާއިރާގެ ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވާލާ ކަމަށާއި އަދި ގައްދޫ ވާދޫ ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަން ކޮށްފައިވާ މި ދަށު ދަރަޖައިގެ އަމަލު އެންމެ ހަށުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
މިފަދަ ހުތުރު އަމަލެއް ހިންގާފައިވަނީ ދާއިރާގެ ރައްޔިތުންގެ މެދުގައި، އޭނާއަށް އޮތް ލޯތްބާއި، ގާތްގުޅުން ބޮޑުވެ، ދާއިރާގެ ރައްޔިތުންގެ ތާއީދު ދުވަހެއް ދުވަހަކަށް ވުރެ އިތުރުވަމުންދާތީ އެކަމަށް ޖެހިލުންވާ ފިނޑި ބަޔަކު ކަމުގައިވެސް ވިދާޅުވެފައިވެއެވެ.
"މި އަޒުމެއް ނުގުޑާނެ! އަޅުގަނޑުމެން ދާނީ ބާރަށް ކުރިއަށް! މާތްﷲ ގެ އިރާދަފުޅާއެކު އަދި ގައްދޫ ވާދޫ ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު، އަޅުގަނޑު މި އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރާނަން." ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ އޭނާއާއެކު ދާއިރާގެ ލޮބުވެތި ރައްޔިތުން ސާބިތުކަމާއެކު ތިއްބެވިކަމަށްޓަކައި، މި ފުރުސަތުގައި އިހްލާސްތެރި ކަމާއެކު ޝުކުރު ދަންނަވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް