ޕްރިމިއާ ލީގުގެ ޝެޑިއުލް އޮތްގޮތުން ކްލޮޕް ރުޅިގަދަވެފައި

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ލިވަޕޫލުން މެންޗެސްޓާ ސިޓީ 3-0 ން ބަލިކުރި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން، ޕްރިމިއާ ލީގުން މެޗުތައް ޝެޑިއުލް ކުރުމުގައި ވިސްނަން ޖެހޭ ...

05 Apr 2018 | 09:00

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ލިވަޕޫލުން މެންޗެސްޓާ ސިޓީ 3-0 ން ބަލިކުރި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން، ޕްރިމިއާ ލީގުން މެޗުތައް ޝެޑިއުލް ކުރުމުގައި ވިސްނަން ޖެހޭ ކަމަށް ބުނެ ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ.

ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ލިވަޕޫލަށް އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ މުޙައްމަދު ސަލާހް ފުރަތަމަ ލަނޑު ޖަހައިދިންއިރު، އޭނާއަށް އަނިޔާވެ، ދެ ވަނަ ހާފުގެ ކުރީކޮޅު ވަނީ ބަދަލުކޮށްފައެވެ. އަނެއް ދެ ލަނޑު ކާމިޔާބު ކޮށްދިނީ އޮކްސްލޭޑް-ޗެމްބެލެއިން އާއި ސަޑިއޯ މާނޭއެވެ.

ރޭގެ މުހިންމު މޮޅާއެކު ވެސް ލިވަޕޫލަށް އުފާފާޅުކޮށް ހިންދެމިލެވޭކަށް ނެތެވެ. ޕްރިމިއާ ލީގު ތާވަލުގެ 3 ވަނައިގައި އޮތްއިރު، ހޮނިހިރު ދުވަހު އެވަޓަން އާ ދެކޮޅަށް ކުޅެން ޖެހެއެވެ. މިއާއެކު ބޮޑު މެޗަކަށްފަހު ހޮނިހިރު ދުވަހުގެ އަވަސް ގަޑިއަކަށް ލިވަޕޫލްގެ މެޗު ތާވަލުކޮށްފައިވުމުން ކްލޮޕް ވަނީ އެކަމާމެދު ސުވާލު އުފައްދާފައެވެ.

" އަހަރެންގެ ވިސްނުމަށް އާދޭ މިކަމާމެދު (ސިޓީއަތުން ލިބުނު މޮޅު) ގިނަ ބަޔަކު އުފާކުރާނެކަން. އެކަމަކު އަނެއްކާ ވެސް ހޮނިހިރު ދުވަހު 12:30 ގައި (ރާއްޖެ ގަޑިން 16:30) އަހަރެމެން ކުޅެން އެބަ ޖެހޭ " ބީޓީ ސްޕޯޓްސް އާ ވާހަކަދައްކަމުން ކްލޮޕް ބުންޏެވެ.

" މިފަދަ މެޗުތަކެއް ދެކެން ބޭނުންވާނަމަ، ޕްރިމިއާ ލީގުން އެބަ ޖެހޭ ވިސްނަން. ފަހަރެއްގައި މި މެޗާމެދު އަހަރެމެންނަށްވުރެ އެވަޓަން އިން ބޮޑަށް އުފާކުރާކަމުގައި ވެދާނެ. އެއީ އިންސާފެއް ނޫން... އަމިއްލަ ގައުމުގެ މުބާރާތްތަކުގައި ވާދަކުރުމުގައި މައްސަލަތަކެއް ދިމާވެގެން ނުވާނެ. މި އަހަރު ކުރިމަތިލާން ޖެހޭ އެންމެ މުހިންމު އެއް މެޗުކަމަށް މީހުން ބުނާއިރު، ހޮނިހިރު ދުވަހުގެ މެޗަށް ފިޓް ކުޅުންތެރިން ހޯދުމުގައި އަހަންނަށް އުނދަގޫ އެބަހުރި" ކްލޮޕް ބުންޏެވެ.

ޕްރިމިއާ ލީގުގެ ޝެޑިއުލާމެދު ވާހަކަ ދައްކަމުން ކްލޮޕް އިތުރަށް ބުނީ ޕްރިމިއާ ލީގުގައި ގޮތް ނިންމަން ތިބޭ ބައެއް މީހުންނާމެދު އޭނާ ވަރަށް ބޮޑަށް ރުޅިއަހިސްފައި ހުރިކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް