ހުޅުމާލޭގައި ހިންގާ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލްގެ އެސިސްޓަންޓް ޕްރިންސިޕަލަށް ހަމަލާދިން މައްސަލައިގަ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ މައްސަލައުގަ ހައްޔަރު ކުރީ ފިރިހެނެއް ކަމަށެވެ. ތަހުގީގު ކުރަމުންދާތީ އިތުރު ތަފްސީލް ދެވެން ނެތް ކަމަށް ފުލުހުން ބުނެ އެވެ.
އެ މައްސަލައިގަ ހައްޔަރު ކުރީ އެ ސްކޫލްގެ ބެލެނިވެރި އެކެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެ ސްކޫލްގެ އެސިސްޓަންޓް ޕްރިންސިޕަލްގެ ގޮތުގައި މަސައްކަތް ކުރާ ބިދޭސީ އަންހެން މީހާގެ މޫނުމަތީގައި އެ ބެލެނިވެރިޔާ ވަނީ ޖަހާފައި އެވެ.
ބެލެނިވެރިޔާ އެސިސްޓަންޓް ޕްރިންސިޕަލަށް ހަމަލާދިނީ ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެވެ. މި ހަމަލާ އާއި ގުޅިގެން އޭނާއަށް ކޮންމެސް ވަރެއްގެ އަނިޔާތަކެއް ލިބުމުން ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާ ދީފައި އެވެ.
ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލަކީ ޕްލޭ ސްކޫލުން ފެށިގެން ގްރޭޑް 12 އަށް ކިޔަވައިދޭ ސްކޫލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް