ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ކުޅުނު މެޗުތަކުން ތަފާތު ބޮޑުކޮށް މޮޅުވެ ސްޕެއިންގެ ބާސެލޯނާ އާއި އިންގްލެންޑްގެ ލިވަޕޫލް ސެމީ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.
ބާސެލޯނާ އިން އަމިއްލަ ދަނޑުގައި އިޓަލީގެ ރޯމާ 4-1 ގެ ނަތީޖާއިން ބަލިކުރިއިރު، ލިވަޕޫލުން ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ވާދަވެރިއެއްގެ ގޮތުގައި އޮތް މެންޗެސްޓާ ސިޓީ 3-0 ގެ ނަތީޖާއިން ބަލިކޮށްފައެވެ. ލިވަޕޫލާއި ސިޓީ ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ކުޅުނީ ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައެވެ.
ރޭ އެންފީލްޑްގައި ކުޅުނު މެޗުގެ ކުރިން ދަނޑު ބޭރުގައި ވަނީ ހަމަނުޖެހުން ހިނގާފައެވެ. މިގޮތުން މެންޗެސްޓާ ސިޓީގެ ބަހަށް ލިވަޕޫލްގެ ސަޕޯޓަރުން ހަމަލާދިނުމާ ގުޅިގެން އެ ބަސް ހުއްޓި ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ވަރުގަދަ އެޓޭކިންގ ގޭމެއް ކުޅޭ ދެ ޓީމު ބައްދަލުކުރި މެޗުގައި ލިވަޕޫލުން ސިޓީގެ މައްޗަށް ލީޑު ނެގީ މެޗު ފެށިގެން އެންމެ 12 މިނިޓުގައެވެ. ސިޓީގެ ޑިފެންޑަރުންނަށް ސާފުކޮށްނުލެވުނު ބޯޅައެއް ރޮބާޓޯ ފިރްމީނޯ ސަލާޙްއަށް ޖައްސާލުމުން އޭނާ ވަނީ ގޯލަށް ފޮނުވާލާފައެވެ. މިއީ ވަރަށް ރަނގަޅު ފޯމެއްގައި ހުރި އިޖިޕްޓްގެ ފޯވާޑް މުޙައްމަދު ސަލާހް މި ސީޒަންގައި ލިވަޕޫލްއަށް ކާމިޔާބު ކޮށްދިން 38 ވަނަ ލަނޑެވެ.
ސަލާހްގެ ލަނޑަށް ފަހު މެޗުގެ 20 ވަނަ މިނިޓުގައި 20 ޔާޑު ބޭރުން އޮކްސްލޭޑް ޗެމްބެލެއިން ފޮނުވާލި ބާރު ހަމަލާއިން ކާމިޔާބުކުރި ލަނޑާއެކު ލިވަޕޫލުން ލީޑު ފުޅާ ކޮށްލިއެވެ. އަދި އޭގެ 10 މިނިޓު ފަހުން މުޙައްމަދު ސަލާހް ނަގައިދިން ހުރަހަކުން ސަޑިއޯ މާނޭ ޖަހައިދިން ލަނޑާއެކު ލިވަޕޫލުން 3 ހަމަކުރިއެވެ.
ފުރަތަމަ ހާފުގައި ޖެހި ތިން ލަނޑާއެކު ފުރަތަމަ ލެގު ލިވަޕޫލުން ކާމިޔާބު ކުރިއިރު، މެންޗެސްޓާ ސިޓީން މުޅި މެޗުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ލިވަޕޫލަށް ނުރައްކާކުރަން މަސައްކަތް ކުރި ނަމަވެސް އެ ޓީމުން ފޮނުވާލި އެންމެ ހަމަލާއެއް ވެސް ލިވަޕޫލްގެ ގޯލަށް އަމާޒުވެފައެއް ނުވެއެވެ.
ރޭ ބާސެލޯނާ އާއި ރޯމާ ކުޅުނު މެޗުގެ ކުރިން ވެސް ބާސާ ފަސޭހަކަމާއެކު މޮޅުވާނެކަމަށް އޮތީ ބެލެވިފައެވެ. ޚާއްސަކޮށް މިފަހުން ރޯމާ ރަށުން ބޭރުގައި ކުޅުނު މެޗުތަކުގައި ނެރުނު ދަށް ނަތީޖާތަކާއެކު އެ ޓީމުގެ ފަރާތުން ރަނގަޅު ނަތީޖާއަކަށް އުންމީދު ކުރެވިފައެއް ނުވެއެވެ.
ބާސެލޯނާ އާއި ރޯމާ ކުޅުނު މެޗުގައި ރޯމާ ކޮޅަށް ފުރަތަމަ ވަން 2 ލަނޑަކީ އެ ޓީމުގެ ދެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން 2 ލަނޑެވެ. ފުރަތަމަ ލަނޑު ޑި ރޮސީ އަތުން ބައިކޮޅަށް ވަންއިރު، ދެ ވަނަ ލަނޑަކީ މަނޮލަސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ބާސާއަށް ތިން ލަނޑުގެ ލީޑެއް ލިބުނީ މެޗުގެ 59 ވަނަ މިނިޓުގައި އެ ޓީމުގެ ޑިފެންޑަރ ޕީކޭ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އެ ލަނޑަށްފަހު 80 ވަނަ މިނިޓުގައި އެޑިން ޖެކޯ ކާމިޔާބު ކުރި ލަނޑާއެކު ރޯމާއަށް އުންމީދެއް ލިބުނު ނަމަވެސް، 87 ވަނަ މިނިޓުގައި ލުއިޒް ސުއަރޭޒް ކާމިޔާބު ކުރި ލަނޑާއެކު ބާސެލޯނާއިން ވަނީ ފަސޭހަ މޮޅަކާއެކު މެޗު ނިންމާލާފައެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގެ މެޗުތައް ރެއާލް މެޑްރިޑް، ބަޔާން މިޔުނިކް، ބާސެލޯނާ އަދި ލިވަޕޫލުން ކާމިޔާބު ކޮށްފައިވާއިރު، ދެ ވަނަ ލެގުގެ މެޗުތައް އޮންނާނީ އަންނަ ހަފުތާގެ އަންގާރަ އަދި ބުދަ ދުވަހުގެ ރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް