ކޮންޓްރޯލް އަގަށް މަސައްކަތް ކުރެވޭނެ މަޖޫރީން ރަޖިސްޓްރީވާން މުއްދަތެއް!

ސަރުކާރުން ކަނޑައެޅި ކޮންޓްރޯލް އަގަށް މާލޭ ވިޔަފާރި ބަނދަރުން މުދާ ހުސް ކޮށްދޭނެ މަޖޫރީން ތިބި ނަމަ ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރޭ ނެރުނު...

05 Apr 2018 | 03:00

ސަރުކާރުން ކަނޑައެޅި ކޮންޓްރޯލް އަގަށް މާލޭ ވިޔަފާރި ބަނދަރުން މުދާ ހުސް ކޮށްދޭނެ މަޖޫރީން ތިބި ނަމަ ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުން ކަނޑައެޅި އެ އަގަށް މަސައްކަތް ކުރަން ބޭނުންވާ މަޖޫރީން އަލުން އެ ކުންފުނީގައި ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށެވެ. އަދި އެކަމަށް ދެނީ މިއަދުން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް ކަމަށެވެ.

އެމްޕީއެލްއިން ބުނީ ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކޮށްފިނަމަ ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރުމަށް އެ މަޖޫރީއަކަށް ދޫކޮށްފައިވާ ހުއްދަ ބާތިލްވު ވާނެ ކަމަށެވެ. މިގޮތަށް ނިންމީ އާންމު ރައްޔިތުންނާއި ވިޔަފާރި ކުރާ ފަރާތްތަކާއި ވިޔަފާރީގެ ހިދުމަތްތައް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގޮތުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

ވިޔަފާރި ބަނދަރުން މުދާ ހުސްކުރެވޭނެ ކޮންޓްރޯލް އަގުތަކެއް އިކޮނޮމިކް މިނިސްޓްރީން ކަނޑައެޅީ މާލޭގައި މުދާ އުފުލޭ ގަޑިތަކަށް ގެނައި ބަދަލާއި ގުޅިގެން މަޖޫރީން އިހުތިޖާޖުކޮށް ބަނދަރުން މުދާ ހުސްކޮށްދޭ އަގު ބޮޑު ކޮށްފައިވާ ކަމުގެ ޝަކުވާ ވިޔަފާރިވެރިން ކުރަން ފެށުމުންނެވެ.

އަދި މަޖޫރީން އަގު ބޮޑު ކުރާނަމަ މުދަލުގެ އަގު ބޮޑުވާނެ ކަމަށް ވިޔަފާރިވެރިން ބުނަން ފެށުމުންނެވެ.

މި މައްސަލައިގަ އިކޮނޮމިކް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުދާ ހުސްކުރުމުގައި ކޮންޓްރޯކް އަގެއް ކަނޑައަޅަން ނިންމީ "މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު"ގެ ދަށުން، އިކޮނޮމިކް މިނިސްޓްރީއަށް ލިބިފައިވާ އިހްތިޔާރުގެ ދަށުންނެވެ.

އެ މިނިސްޓްރީން ބުނީ ހެނދުނު ހައަކުން ފެށިގެން ރޭގަނޑު 12 ޖެހުމާ ހަމައަށް 20 ފޫޓުގެ ކޮންޓެއިނަރުތަކުން ބިއްލޫރި ޝީޓް ފިޔަވައި އެހެނިހެން މުދާ ހުސްކުރަން ނެގޭނެ އެންމެ ބޮޑު އަގަކީ 2،500ރ. އެވެ. އަދި 40 ފޫޓްގެ ކޮންޓެއިނަރެއް ނަމަ ނެގޭނެ އެންމެ ބޮޑު އަގަކީ 5،000ރ. އެވެ.

އެ ގަޑީގައި ހުސްކުރާ މުދަލަކީ ބިއްލޫރި ޝީޓް ނަމަ، 20 ފޫޓުގެ ކޮންޓެއިނަރަކަށް ގިނަވެގެން 4،000ރ. ނެގިދާނެ އެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރެއް ނަމަ، ބިއްލޫރި ޝީޓް ހުސްކުރަން ނެގޭނެ އެންމެ ބޮޑު އަގަކީ 7،000ރ. އެވެ.

މީގެ އިތުރުން ރޭގަނޑު 12 އިން ފެށިގެން ހެނދުނު ހަޔަކާ ދެމެދު 20 ފޫޓްގެ ކޮންޓެއިނަރެއް ހުސްކުރަން ގިނަވެގެން ނެގޭނީ 3،000ރ. ކަމަށް ވާއިރު 40 ފޫޓްގެ ކޮންޓެއިނަރެއް ހުސްކުރަން ނެގޭނީ ގިނަވެގެން 5،500ރ. އެވެ. އެ ގަޑީގައި ކޮންޓެއިނަރުން ހުސްކުރާ މުދަލަކީ ބިއްލޫރި ޝީޓް ނަމަ 20 ފޫޓްގެ ކޮންޓެއިނަރަކަށް 4،500ރ. އަދި 40 ފޫޓްގެެ ކޮންޓެއިނަރަކަށް 7،500ރ. ނެގިދާނެ އެވެ.

އެފަދަ ކޮންޓެއިނަރުތަކުގައި ބިއްލޫރި ޝީޓް ފިޔަވައި އެހެން ބާވަތުގެ މުދާ ހުސްކުރަން 1 ސީބީއެމް އިން ފެށިގެން 5 ސީބީއެމް އާ ހަމައަށް ނެގޭނީ ސީބީއެމް އަކަށް 230ރ. ގެ ރޭޓުންނެވެ. އަދި 6 ސީބީއެމްއިން ފެށިގެން 10 ސީބީއެމް އާ ހަމައަށް ނެގޭނީ ސީބީއެމް އަކަށް 175ރ. ގެ ރޭޓުންނެވެ. އެގޮތަށް އެތެރެކުރާ މުދަލުގެ މިންވަރު 11 ސީބީއެމް އަށް ވުރެ މަތި ނަމަ، ކޮންޓެއިނަރެއް ހުސްކުރަން ނަގާ ރޭޓުން އަގު ނެގިދާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

އެކި ފަރާތްތަކުގެ މުދާ ހިމެނޭ ކޮންޓެއިނަރުތަކުގައި ގެންނަ މުދަލަކީ ބިއްލޫރި ޝީޓް ނަމަ 1 ސީބީއެމް އިން ފެށިގެން 5 ސީބީއެމް އާ ހަމައަށް ނެގޭނެ އެންމެ ބޮޑު އަގަކީ ސީބީއެމް އަކަށް 250ރ. އެވެ. އަދި 6 ސީބީއެމް އިން ފެށިގެން 10 ސީބީއެމް އާ ހަމައަށް ނެގޭނެ އެންމެ ބޮޑު އަގަކީ ސީބީއެމް އަކަށް 200ރ. އެވެ. އަދި 11 ސީބީއެމް އިން ފެށިގެން މަތިވާ ނަމަ ކޮންޓެއިނަރެއްގެ ރޭޓުން އަގު ނެގިދާނެ އެވެ. މީގެ އިތުރުން ކޮންޓެއިނަރަށް ނުލާ އެތެރެކުރާ މުދަލަށް ނެގޭނެ އެންމެ ބޮޑު އަގަކީ ދާގީނާއަކަށް 6.ރ ކަމަށް ވެސް އެ އިއުލާންގައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން އަމަލު ކުރަން ފެށި އާ ގަވައިދުގެ ދަށުން މާލެ ތެރޭގައި މުދާ ބަރުކޮށްގެން ޕިކަޕާއި ލޮރީ ދުއްވޭނީ ހަވީރު 6:00 ން ހެނދުނު 6:00 އާއި ދެމެދު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް