އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ސްމާޓްފޯންއަކާއި ނުލައި ދިރިއުޅެން ދަތިވެފައިވާ މީހުންނެވެ. ކޮންމެ ސްމާޓްފޯންއަކާއި އެކުގައިވެސް ލިބޭ ހެޑްސެޓްއަކީ ގިނަ މީހުންނަށް ނޭނގުނަސް އެކި ބަލިތައް ފެތުރެން މެދުވެރިވެ ކަންފަތަށް ގެއްލުން ލިއްބައިދޭ އެއްޗިއްސެވެ.
ހެޑްސެޓް އަކީ އެންމެންނަށްވެސް އިނގޭނެގޮތުގައި ކަންފަތުގެ އިވުމަށް ގެއްލުން ލިބި އަދި އިވުން ގެއްލެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ. މިހެންދިމާވާ ސަބަބަކީ ހެޑްސެޓުން ސީދާ ކަންފަތުގެ އެތެރެއަށް އަޑު ފޮނުވާދޭތީއެވެ.
މިގޮތުން މި އަޑު 90 ޑެސިބަލްއަށްވުރެން އިތުރުނުކުރުމަށް ޑޮކްޓަރުން ވަނީ އިލްތިމާސްކޮށްފައެވެ. ސަބަބަކީ ކޮންމެ ކުންފުންޏަކުންވެސް މަސައްކަތްކުރަމުން ދަނީ ހެޑްސެޓް އެންމެ ފެންވަރު ރަނގަޅު އަޑު ފޯރުކޮށްދީ ކަންފަތަށް ފަސޭހަ ގޮތަކަށް ޑިޒައިން ކުރުމަށެވެ.
މިކަންކުރުމަށްޓަކައި ކަންފަތުގެ އެތެރޭގެ ކެނެލްއޭ ކިޔޭ ބަޔަށް ހެޑްސެޓް ވައްދަންޖެހެޔެވެ، މިތަނުން އަޑު ކަންފަތުގެ އެތެރެއަށް ސީދާ ފޮނުވާދޭއިރު އަޑުގަދަވުމުގެ ސަބަބުން މަޑުމަޑުން ކަންފަތުގެ އިވުން ގެއްލިގެން ދިޔުމަކީ ވަރަށްވެސް ގާތްކަމެކެވެ.
ކަންފަތުގެ އިންފެކްޝަން ހެދުމަކީވެސް ހެޑްސެޓުން ވަރަށް ގިނައިން ދިމާވާކަމެކެވެ. ހެޑްސެޓް އަކީ އެކަކަށް ވުރެން ގިނަ މީހުން ބޭނުންކުރުން އެދެވިގެންވާ އެއްޗެއް ނޫނެވެ.
އަޅުގަނޑުމެންނަށް ނޭނގުނުނަމަވެސް ކަންފަތުގައި އެތައް ހާސް ޖަރާސީމެއްވެއެވެ. އެކަކު ބޭނުންކޮށްފައިވާ ހެޑްސެޓް އަނެކަކު ބޭނުންކުރުމުން މި ޖަރާސީމުތައް ފެތުރި ކަންފަތުގެ ބަލި ނުވަތަ އިއާރ އިންފެކްޝަންއަކާއި ކުރިމަތިލާން ޖެހުމަކީ ވަރަށްވެސް ގާތްކަމެކެވެ.
މިފަދަ ކަންކަން ދިމާވުން ހުއްޓުވުމަށްޓަކައި ހެޑްސެޓް އެކަކަށް ވުރެ ގިނަ މީހުން ބޭނުންނުކުރުމަށް ޑޮކްޓަރުން ބުނާއިރު ކަންފަތަށް ރެސްޓުގެ ގޮތުގައި 15 ވަރަކަށް މިނެޓު އަބަދުވެސް ދިނުމަށް ޑޮކްޓަރުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުންވެސް ހެޑްސެޓް ސާފުކޮށް ބަދަލުކުރަންޖެހޭ ބައިތައް ބަދަލުކުރުމަކީވެސް މިފަދަ ކަންކަމާއި ދުރުވެވޭނެ ގޮތެކެވެ.
އަޅުގަނޑުމެންނަށް ވިސްނައިނުލެވުނު ނަމަވެސް ކަންފަތަކީ ވަރަށް ނާޒުކު އަދި ބަލައިގެން ގެއްންގުޅެންޖެހޭ ގުނަވަނެކެވެ. އޭގެ ބޭނުން ގެއްލިއްޖެ ހިނދެއްގައި އިންސާނާގެ ހަށިގަނޑުގެ އެންމެ މުހިންމު އެއް ހިއްސުވެސް ގެއްލިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް