ހިޔާ ޕްލެޓްތައް ޑިޒައިން ކޮށްފައި ހުރީ މީހުން ދިރިއުޅެން ހެޔޮވާވަރު ގޮތަކަށް ނޫންކަމަށާއި މިކަމާ ގުޅިގެން ޕްލެޓްތަކުގެ ޑިޒައިނަށް ބަދަލު ގެންނަ ކަމަށް ހައުސިންގް މިނިސްޓަރު އާތިފާ ވިދާޅުވެއްޖެއެވެ. މި ބަދަލުގެ ސަބަބުން މި މަޝްރޫއުގެ ދަށުން އަޅާ ފްލެޓްގެ އަދަދު 3588 ޔުނިޓަށް މަދުވެގެން ދާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާފަންނު ދެކުނު ދާއިރާގެ މެންބަރު، އަބްދުﷲ ރިފާއު ކުރި ސުވާލަކާއި ގުޅިގެންނެވެ.
މިނިސްޓަރު ވިދާޅުވީ، 2017 ވަނަ އަހަރުގެ ޑިސްމަބަރު މަހުގައި ފެށި، 6880 ހައުސިން ޔުނިޓްގެ ދަށުން 25 ބުރީގެ 16 ޓަވަރުގައި ހުރީ ދެ ކޮޓަރީގެ 550 އަކަފޫޓު ކަމަށެވެ. އެހެންކަމުން އާއިލާއެއްގައި ފަސް މީހުން އުޅޭނަމަ މުޅި ޓަވަރުގައި 34400 މީހުން އުޅޭނެކަމަށް ލަފާކުރެވޭކަމަވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިފަދަ އާބާދީއެއް އަރާފައިބަން ލިފްޓްގެ ހިދުމަތާއި އެހެނިހެން މުހިއްމު ހިދުމަތްތައް ވެސް ނެތް ކަމަށް މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ. އަދި ސަރުކާރުން ނިންމާފައިވަނީ އިމާރާތުގެ ސްޓްރަކްޗާ ނުގެއްލޭނެގޮތައް ދެކޮޓަރީގެ އެޕާޓްމަންޓްތައް ތިން ކޮޓަރީގެ އެޕާޓްމަންޓަށް ބަދަލުކުރާށެވެ. ރޭވިފައިވާ ވަރަށްވުރެ ފްލެޓް ތަކުގެ އަދަދު މަދުވި ނަމަވެސް، ޕްލެޓް ދޭންޖެހޭ ހައްގުވެރިންނަށް ފްލެޓް ދޭނެ ކަމުގެ ޔަގީންކަން ރިފާއުގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އެރުވިއެވެ.
ރިފާއުގެ އިތުރު ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އިތުރަށް ވިދާޅުވީ، 16 ކުންފުންޏަކާއި އެކު މި މަޝްރޫއު ކުރިޔަށް ގެންދަން ސޮއިކުރި ނަމަވެސް، އޭގެ ތެރެއިން ގިނަ ކުންފުނިތަކަކީ މާލީ ގާބިލްކަން ނެތް ކުންފުނިތަކެކެވެ. އެހެންކަމުން އެ މަޝްރޫއުގެ ދަށުން މަސައްކަތް ފެށުނީ އެންމެ ފަސް ކުންފުންޏެއްގެ ފްލެޓް އިމާރާތުގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން ފްލެޓް ދީފައިވާ ގޮތްތައް މިސަރުކާރުން ބެލުމަށް ވަނީ ކޮމެޓީއެއް އެކުލަވާލާފައެވެ. މިސަރުކާރުން ޕްލެޓް ދޫކުރާނީ، ފްލެޓް ދޫކުރުމުގައި ހުރި މައްސަލަތައް ބަލައި ކޮމިޓީގެ ލަފާގެ ދަށުން، ފްލެޓް ލިބެންޖެހޭ ހައްގުވެރިންނަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް