ދުޅަހެޔޮ ހަށިހެޔޮ ސިއްހަތަކަށް ދަރިވަރުން އަހުލުވެރި ކުރުވުމަށް އެޑިއުކޭޝަން މިނިސްޓަރު އަންގަވައިފި

ސްކޫލުގެ މާހައުލަކީ ސިއްހީ ގޮތުން ދުޅަހެޔޮ މާހައުލެއްކަން ކަށަވަރުކޮށް ދަރިވަރުންގެ ސިއްހީ، ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ސްކޫލުގެ ޒިންމާއެއްކަމުގައިވާއިރު ދުޅ...

05 Mar 2019 | 03:06

ސްކޫލުގެ މާހައުލަކީ ސިއްހީ ގޮތުން ދުޅަހެޔޮ މާހައުލެއްކަން ކަށަވަރުކޮށް ދަރިވަރުންގެ ސިއްހީ، ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ސްކޫލުގެ ޒިންމާއެއްކަމުގައިވާއިރު ދުޅަހެޔޮ ހަށިހެޔޮ ސިއްހަތަކަށް ދަރިވަރުން އަހުލުވެރި ކުރުވުމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ، ރާއްޖޭގެ ސްކޫލުތަކަށް އަންގަވައިފިއެވެ.

މިނިސްޓަރު މިކަން އަންގަވާފައިވަނީ ސްކޫލުތަކަށާއި ޕްރީ ސްކޫލުތަކަށް ނެރުއްވި ސާކިއުލާއެއްގައެވެ.

އެ ސާކިއުލާގައި ވިދާޅުވެފައިވަނީ ސްކޫލު ނިޒާމުގެ ތެރެއިން ގަވާއިދުން ދަރިވަރުންގެ ސިއްހަތު ބެލޭނެ ނިޒާމެއް ހަމަޖައްސައި، ސިއްހަތަށް ރަނގަޅުނޫން ކާނާތަކާއި ހަކުރު ގިނަ ބުއިންތަކާއި އެނާޖީ އަދި ފިޒީ ބުއިންތަކާއި ،ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުފުމަށް ބޭނުންކުރާ ފޯއް، ސުޕާރީ ފަދަ ބާވަތްތަކުން ދަރިވަރުން ދުރުހެލިކޮށް ދުޅަހެޔޮ މުޖްތަމައެއް ބިނާކުރުމަށް ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާކަމަށެވެ.

"ދަރިވަރުން އިންޓަވަލަށް ގެންނަ ތަކެއްޗާއި، ސްކޫލުގެ އެކި އެކި އިވެންޓުތަކުގައި ބޭނުންކުރާ ކެއުމާއި ބުއިމުގެ ބާވަތްތަކަކީ "ސްކޫލް ދަރިވަރުންގެ މިންހެޔޮ ކާނާ އަތްމަތީ ފޮތު"ގައި ބަޔާންކޮށްފައިވާފަދަ ސިއްހަތަށް ފައިދާ ކުރުވަނިވި ކާނާ އާއި ބުއިންތަކެއްކަން ކަށަވަރު ކުރަން ޖެހޭ" އެ ސާކިއުލާގައި ވިދާޅުވެފައިވެއެވެ.

އެގޮތުން އިސްކޫލުން ބާއްވާ އެކިއެކި ފަންޑުރެއިޒިންގ އިވެންޓްތަކުގައިވެސް ސިއްހަތަށް ގެއްލުން ދެނިވި ކާނާގެ ބާވަތްތަކާއި ބުއިންތަކާއި މިނޫންވެސް މިފަދަ ބާވަތްތައް ނުހިމެނުމަށާއި ދުޅަހެޔޮ، ހަށިހެޔޮ ސިއްހަތަކަށް ދަރިވަރުން އަހުލުވެރި ކުރުވުމަށް އަންގާކަމުގައި އެ ސާކިއުލާގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް