ކުއްލި ހާލަތުގެ ދަށުން ހައްޔަރު ކުރި މީހުންގެ ސައްހަ އަދަދު ހާމަ ކުރުމަށް ގޮވާލައިފި

ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން މިހާތަނަށް ހައްޔަރު ކުރި މީހުންގެ ސައްހަ އަދަދު ހާމަ ކުރުމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީ ގޮވާލައިފި އެވެ. ފުލުހުން ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅި...

05 Mar 2018 | 17:46

ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން މިހާތަނަށް ހައްޔަރު ކުރި މީހުންގެ ސައްހަ އަދަދު ހާމަ ކުރުމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީ ގޮވާލައިފި އެވެ.

ފުލުހުން ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން މިހާތަނަށް 48 މީހަކު ހައްޔަރުކުރުމަށް ފަހު 47 މީހަކު ދޫކޮށްލާފައިވާ ކަމަށެވެ. އެކަމަކު އެމްޑީޕީން އެކަން ދޮގު ކުރެ އެވެ.

އެ ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައްޔަރު ކުރި މީހުންގެ އަދަދާއި ގުޅޭގޮތުން ފުލުހުން ހާމަ ކުރަމުންދާ ތަފާސް ހިސާބުން ރައްޔިތުންނަށް އޮޅުން އަރަމުންދާ ކަމަށެވެ.

އެމްޑީޕީން ބުނީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގެ ތެރޭގައި ހައްޔަރުކުރި މީހުންގެ އަދަދަކީ 110 ކަމަށެވެ. އޭގެ ތެރެއިން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި މީހުންގެ އަދަދު 36 އަށް އަރާފައި ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

"ފުލުހުންގެ އެކިއެކި ލިޔެކިޔުންތަކުގައި އެ މުއައްސަސާގެ ބެލުމުގެ ދަށުގައިވާ މީސްމީހުންނާ ގުޅޭ ގޮތުން އާންމުކުރާ މައުލޫމާތު ރައްޔިތުންނަށް އޮޅޭ ގޮތަށް ހާމަ ކުރަމުންދާކަމީ މި ޕާޓީން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. އެފަދަ ކަންކަން އެ މޭރުމުން ނުކުރުމަށް ރައީސް ޔާމީނަށާއި ފުލުހުންގެ މުއައްސަސާއަށް ގޮވާލަމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ޕާޓީން ބުނީ ހައްޔަރުގައި ތިބި މީހުންގެ ތެރެއިން 34 މީހަކު ބަންދުކޮށްފައި ތިބީ ދޫނިދޫގައި ކަމަށެވެ. އަދި ވިލިނގިލީ ޕޮލިސް ސްޓޭޝަނުގައި އެކަކު ހައްޔަރުކޮށްފައިވާ އިރު، ގޭބަންދުގައި ވެސް އެކަކު އެބަހުރި ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރޭގައި ސިޔާސީ ލީޑަރުންނާއި ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންގެ އިތުރުން މަޖިލީހުގެ މެންބަރުންނާއި ސިޔާސީ ހަރަކާތްތެރިންނާއި ފުލުހުންގެ އޮފިސަރުން ވެސް ހިމެނެ އެވެ. އެމްޑީޕީން ވަނީ އެ ހުރިހާ އެންމެން މިނިވަންކުރުމަށް ގޮވާލައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް