ކ. އެނބޫދޫފަޅު ތަރައްގީކުރާ ތައިލެންޑްގެ ސިންގަ އެސްޓޭޓް ކުންފުނިން ގދ. ކޮނޮއްޓާ ރިސޯޓު ގަންނަން ނިންމައިފި އެވެ.
ކޮނޮއްޓާ އަކީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ އައުޓްރިގާއިން ހިންގާ ރިސޯޓެކެވެ. އެ ރިސޯޓުގެ އިތުރުން ސިންގަ އެސްޓޭޓް ކުންފުނިން ވަނީ އައުޓްރިގާއިން ދުނިޔޭގެ އެހެން ގައުމުތަކުގައި ހިންގާ ފަސް ރިސޯޓެއް ގަންނަ ނިންމާފައި އެވެ.
ސިންގަ އެސްޓޭޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެކުންފުނިން އެ ރިސޯޓުތައް ގަންނަނީ، ފަތުރުވެރިކަމުގައި މަޝްހޫރު ސަރަހައްދުތަކުގެ ހޮޓެލްތަކާއި ރިސޯޓުތަކަށް އިންވެސްޓްކުރުމުގެ ގޮތުން ކަމަށެވެ. އެ ކުންފުނިން މި ރިސޯޓު ހޮޓާތައް ގަންނަނީ 250 މިލިއަން ޑޮލަރަށެވެ.
ސިންގަ އެސްޓޭޓުން ގަންނަން ނިންމާފައިވާ ފަސް ތަރީގެ ކޮނޮއްޓާގައި 53 ވިލާ ހުރެ އެވެ.
ތައިލެންޑްގެ ސިންގަ އެސްޓޭޓް ކުންފުނިން މަތީ ފެންވަރު ރިސޯޓުތަކާއި ރީޓެއިލް ވިޔަފާރިތައް ތަރައްގީ ކުރުމަށް ކ. އެނބޫދޫފަޅުގައި ކުރިޔަށް ގެންދާ މަޝްރޫއު އަކީ 680 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއުއެއް ކަމަށް ވެ އެވެ.
މަޝްރޫއު ނިމޭއިރު ދުނިޔޭގެ އެންމެ މަޝްހޫރު ފެޝަން ބްރޭންޑްތަކުގެ ފިހާރަތަކާއި ރެސްޓޯރަންޓްތަކާއި ކެފޭތަކުގެ އިތުރުން މަޝްހޫރު ހާޑް ރޮކް ކެފޭއެއް ވެސް ހުޅުވަން ނިންމާފައިވެ އެވެ. އޭގެ އިތުރުން އެތަނުގައި ޑިއުޓީ ފްރީ ފިހާރަ އާއި ކުޑަކުދިންނަށް ޚާއްސަ ގޮނޑުދޮށަކާ އެކު ހަދާ ބީޗް ކްލަބަކާއި ކަލްޗަރަލް ސެންޓަރަކާއި ވެލްނަސް ސެންޓަރަކާއި މެރިން ލައިފް ސެންޓަރެއް އަދި ޑައިވް ސެންޓަރެއް ވެސް ހުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް