ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ޕީޕީއެމްގެ ޖަލްސާއެއްގަ ހޫނު ފެނާއި ގުޅުވައިގެން ދެއްކެވި ވާހަކަތަކެއްގެ މައްސަލަ އަލުން ބަލަން ފަށައިފި އެވެ.
މި މައްސަލަ އެންމެ ފުރަތަމަ ފުލުހުންނަށް ހުށަހެޅުއްވީ އިދިކޮޅު ކޯލިޝަންގައި ހިމެނިވަޑައިގެންނަވާ ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފެވެ. އެ ދުވަސްވަރު މި މައްސަލައިގަ އިލްހާމާއި ސުވާލު ކުރުމަށް ފަހު މައްސަލަ ނުބަލާ ގޮތަށް ނިންމައި ވަނީ ފައިލް ކޮށްފައި އެވެ.
އިލްހާމްގެ ގާނޫނީ ވަކީލް ނޫރުއްސަލާމް މިއަދު މީޑިއާގައި ވިދާޅުވެފައިވަނީ މިދިޔަ ހަފްތާގައި އަނެއްކާވެސް މައްސަލައިގެ ތަހުގީގަށް އިލްހާމްގެ ބަޔާން ނަގާފައިވާ ކަމަށެވެ. އެ ބަޔާނުގައި އިލްހާމް ވިދާޅުވީ އެ ދުވަހުގެ ޖަލްސާގައި ދެއްކެވި ވާހަކައިގަ ވިދާޅުވި ފަދަ ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި އެ ވާހަކައަކީ މަޖާޒީ ގޮތަކަށް ދެއްކެވި ވާހަކަތަކެއް ކަމަށެވެ.
އިލްހާމް އެވާހަކަ ދައްކަވާފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހު ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގައި އެވެ. އެ ޖަލްސާގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާ މެންބަރުން ފައިމައްޗަށް ހޫނުފެން އެޅުމުން ތަދުވެގެން ސޮރީ ވިދާޅުވި ނަމަވެސް ގަބޫލު ނުކުރެވޭނެ ކަމަށާއި އޭރުން ވިދާޅުވާނީ "ނޯ" ކަމަށެވެ.
އިލްހާމް މިހާރު ހުންނެވީ ސްޓޭޓް އޮފް އެމާޖެންސީގެ ދަށުން ދޫނިދޫގައި ހައްޔަރުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް