އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފު އައްޔަން ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނާގެ ނަން ކޮމިޓީއަށް ފޮނުވީ އީސީގެ މެންބަރު ކަމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަން ކުރަން ރައީސް އަބްދުﷲ ޔާމީން ފެނިވަޑައިގެންނަވާ ކަމަށް ލަފާ ދެއްވާފައިވާތީ އެވެ. ރައީސް މަޖިލީހަށް ފޮނުވިއްވި ސިޓީގައި ވިދާޅުވީ އެ މަގާމަށް ކުރިމަތި ލެއްވި އެހެން ބޭފުޅުންގެ ނަންތައްވެސް މަޖިލީހަށް ފޮނުއްވި ކަމަށެވެ.
އެކަމަކު އެކީ ކޮންކޮން ބޭފުޅުންނެތް ކަމެއް ނޭނގެ އެވެ.
ޝަރީފަކީ މިދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރައްވާ އެ ދާއިރާގެ ގޮނޑި ފުރުއްވި ބޭފުޅެކެވެ. އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާހާގައި ވާދަ ކުރައްވާ ނާކާމިޔާބާއި ކުރިމަތިވެ ވަޑައިގެންނެވުމުން މި ސަރުކާޜުގެ އެކި މަގާމުތައް ފުރުއްވާފައިވެ އެވެ.
ޝަރީފު ވަނީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްކަންވެސް ކުރައްވާފައި އެވެ. އީސީގެ މެންބަރަކު ކަމަށް ބޭފުޅަކު އައްޔަން ކުރަން މަޖިލީހަށް ހުށަހެޅުއްވީ ކުރިން އެ ކޮމިޝަނުގެ ރައީސް ކަމުގައި ހުންނެވި އަހުމަދު ސުލައިމާން މަގާމުން އިސްތިއުފާ ދެއްވުުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް