ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާކޮށް ގޮންޖެހުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދެއްވާނެ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޝެއިހް އިމްރާން މިހެން ވިދާޅުވީ ރޭ ތޫނު އެއްޗަކުން ހަމަލާދީ ޗައިނާ ދެ މީހަކާއި އޮސްޓްރޭލިއާ މީހަކު ޒަހަމްކޮށްލުމުގެ ޒިންމާ ހަރުކަށި ފިކުރަށް ތާއީދު ކުރާ އައިސް ޖަމާއަތުގެ ރާއްޖޭ ގޮފިން ނަގާކަމަށް ބުނެ ވީޑިއޯއެއް އާންމު ކުރި ފަހުން ކުރެއްވި ޓުވީޓެއްގައި އެވެ. އެ ވީޑިއޯ ތަހުގީގު ކުރަމުންދާ ކަމަށް މިރޭ ފުލުހުން ވަނީ ބުނެފަ އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނާއި ބިދޭސީންނާއި ފަތުރުވެރިންގެ ރައްކާތެރިކަމަށް ސަރުކާރުން އިސްކަން ދޭނެ ކަމަށެވެ. އެގޮތުން އެ ފަރާތްތަކުގެ މުދަލާއިި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ސަރުކާރުން އަޅާނެ ކަމަށެވެ.
https://twitter.com/ShimranAb/status/1225105396076929024
https://twitter.com/ShimranAb/status/1225105394260836353
އެ ވީޑިއޯގައި ވަނީ ސަރުކާރަށް ބޮޑެތި އިންޒާރުތަކެއް ދީފަ އެވެ. އެގޮތުން އެމީހުން ރޭގެ ހަމަލާގެ ޒިންމާ ނަގާކަމަށް ބުނެ ބުނެފައިވަނީ ބޭރުގެ ކާފަރުންނަށް މިއީ ސުވަރުގެ ކަމަށް ދައްކާ ދެއްކުން އަވާމެންދުރަކަށް ވެއްޖެ ކަމަށެވެ. އަދި ބުނީ، ދެން މި ގައުމުން އެ މީހުންނަށް ލާނީ "އަލިފާނުގެ ރަހަ" ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް