ހިޝާން ގެންގުޅުނު ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިިޝާންގެ ބެލެނިވެރިކަމުގެ ދަށުގައި ހުރި ނުކުޅެދުންތެރިކަން ހުުންނަ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ފެމ...

05 Feb 2020 | 09:58

ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިިޝާންގެ ބެލެނިވެރިކަމުގެ ދަށުގައި ހުރި ނުކުޅެދުންތެރިކަން ހުުންނަ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފެމެލީ ކޯޓުގެ ހުކުމާއި ދެކޮޅަށް އޭނާ ހިޝާންގެ އެޕާޓްމެންޓުގައި ގެންގުޅޭތާ ދެ އަހަރެއްހާ ދުވަސް ވެއްޖެ އެވެ. މި މައްސަލަ ފެންމަތިވީ ފެމިލީ ކޯޓުން އެކަން ކާމިޔާބު ނުވުމުން ހިޝާން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގަ އިއްޔެ ބޭއްވި އަޑުއެހުމެއްގައި އެވެ. މި އަޑުއެހުމުގައި ހައިކޯޓުން ވަނީ ޖެންޑާ މިނިސްޓްރީ އެކަމުގައި އިހުމާލުވެފައިވާ ކަމަށް ބުނެފަ އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދައުލަތުގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސް 18 އަހަރު ފުރިފައިވާ އެ މީހާއަކީ އަމިއްލަ އިހުތިޔާރުގައި ކަންކަން ނިންމުމުގެ ގާބިލް ކަން ހުރި މީހެއް ކަން ކަށަވަރުކޮށް ތަހުލީލުތައް ކުރަން ފަށާފައިވާ ކަމަށެވެ. މި ތަހުލީލުތައް ކުރަނީ ފުލުހުންނާ ކަމާ ގުޅުންހުރި ފަރާތްތަކާއި ގުޅިގެންނެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ ފެމިލީ ކޯޓުގައި ހިނގަމުން ދިޔަ މައްސަލައާ ގުޅިގެން މިނިސްޓްރީން އެ މައްސަލާގައި ހިމެނޭ ހާއްސަ އެހީއަށް ބޭނުންވާ މީހާގެ ސިއްހީ އަދި ނަފްސާނީ އެއްވެސް ބާވަތެއްގެ އެސެސްމަންޓެއް މީގެ ކުރިން ހަދާފައި ނުވާ ކަމަށެވެ. އެކަމަކު އެއިރު އޭނާއާ ގުޅޭގޮތުން މި މިނިސްޓްރީން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ނިންމާފައިވަނީ އޭނާއަކީ އުމުރުން 18 އަހަރު ފުރިފައިވާ ފަރާތެއްކަމާއި އޭނާއާ ގުޅޭގޮތުން ލިބިފައިވާ ސިއްހީ އަދި އެހެނިހެން މައުލޫމާތުން އޭނާއަކީ ތަސައްރަފު ނުފުދޭ މީހެއްކަން ފާހަގަކުރެވިފައިނުވާކަމަށެވެ.

އެހެންވެ އޭރުން ފެށިގެން މިނިސްޓްރީގެ ފަރާތުން އޭނާއާމެދު އަމަލުކުރަމުންދަނީ 18 އަހަރު ފުރިފައިވާ އެހެނިހެން ފަރާތްތަކެކޭ އެއްގޮތަށް ކަމަށެވެ.

2018 ވަނަ އަހަރުގެ ޖުލައި މަހު މި މައްސަލައާ ގުޅޭ ބައެއް އިތުރު ކަންކަން ފެންމަތިވެފައިވީ ނަމަވެސް އެއިރު މި މައްސަލަ އިތުރަށް މުރާޖާކޮށްފައި ނުވާތީ، 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށްވެސް ލިބޭ ހައްގުގެ ދަށުން އަމިއްލަ އިހުތިޔާރުގައި ކަންކަން ނިންމުމުގެ މިނިވަންކަން އޭނާ އަށް ދީފައިވާ ކަމަށެވެ.

މި މައްސަލައިގަ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފުގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯތު ނަގަން އެމްޑިޕީން ވަނީ ނިންމާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް