ދިރާގާއި ބައިކް މޯލްޑިވްސްގެ ތިންވަނަ މަމެން އިންޓަރ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް މާރިޗު 14ގައި

ދިރާގާއި ބައިކްމޯލްޑިވްސް ގުޅިގެން ރާއްޖޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ މަމެން އިންޓަރ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްގެ 3 ވަނަ މުބާރާތް، މިއަހަރު މާރިޗު 14 ގައި ބާއްވަން ނިންމައިފި...

05 Feb 2020 | 08:09

ދިރާގާއި ބައިކްމޯލްޑިވްސް ގުޅިގެން ރާއްޖޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ މަމެން އިންޓަރ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްގެ 3 ވަނަ މުބާރާތް، މިއަހަރު މާރިޗު 14 ގައި ބާއްވަން ނިންމައިފިއެވެ.

މި މުބާރާތް ބާއްވަން ހަމަޖެހިފައި އޮތީ ހުޅުމާލެ ރޭސިންގ ޓްރެކްގައިއެވެ.

މި މުބާރާތުގައި މިފަހަރުވެސް ތަފާތު 20 ރޭހެއް އެކި އުމުރުފުރާ ދެމެދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، މުބާރާތް ކުރިއަށްދާނީ 4 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ، 13 އަހަރުން ދަށް، 15 އަހަރުން، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާއެވެ. ކޮންމެ އުމުރުފުރާއެއްގައި ވެސް އަންހެން އަދި ފިރިހެން ބައި ކުރިއަށްދާނީ ވަކިވަކިންނެވެ. މީގެ އިތުރުން 11 އަހަރުން ދަށުގެ އުމުރު ފުރާއަށް ޚާއްސަ ކޮށްގެން ބާއްވާ "ފަން ރައިޑް" ގެނަމުގައި ޚާއްސަ ބައިސްކަލު ރޭހެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

2019 ވަނަ އަހަރު ބޭއްވި މުބާރާތުގައި 600 އަށްވުރެއްގިނަ ދަރިވަރުން ޖުމްލަ 20 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. ކުރީ އަހަރުތަކާ ހިލާފަށް މި އަހަރު މި މުބާރާތް ކުރިއަށްދާނީ އެއްދުވަހުގެ ފޯރިގަދަ އިވެންޓެއްގެ ގޮތުގައެވެ. މި ރޭސް ކުރިއަށްދާނީ މާރިޗު 14 ވަނަ ދުވަހުގެ ހެދުނު 7:00 ފެށިގެން ހަވީރު 18:00 އަށެވެ.

ބައިކް މޯލްޑިވްސްއަކީ 2016 ވަނަ އަހަރުން ފެށިގެން ބައިސްކަލު ދުއްވުމުގެ އާދަ ކުރިއަރުވަމުން އަންނަ ޖަމިއްޔާއެއް އަދި "ޔޫނިއަން ސައިކްލިސްޓް އިންޓަނޭޝަނަލް" ގެ މެންބަރެއްވެސްމެވެ.

ދިރާގާއި ބައިކް މޯލްޑިވްސް އިން މި އިވެންޓް ބޭއްވުމުގެ އަމާޒަކީ ވީހާވެސް ގިނަ ކުދިން ޅަފަތުގައި ދުޅަހެއޮ ސިއްހަތެއްގައި ހުރުމަށް އަހުލުވެރިކުރުމެވެ. އަދި ތިމާވެއްޓާ ރައްޓެހިގޮތް ހިޔާރުކޮށް، އިންޖީނުލީ އުޅަނދުތައް މަދުކުރުމަށް އެއްބާރުލުން ދިނުމަށެވެ. މި އިވެންޓަކީ ދިރާގުގެ ހުރިހާ އިވެންޓެކޭވެސް އެއްފަދައިން ޕްލާސްޓިކް ފްރީ އިވެންޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް