ކޮމަންވެލްތުގައި ރާއްޖޭގެ ދިދަނެގުމުގެ ރަސްމިއްޔާތަށް ޝާހިދު ފުރާވަޑައިގެންފި

ދިވެހިރާއްޖެ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް އަނެއްކާވެސް ވުމާއި ގުޅިގެން ކޮމަންވެލްތު ސެކްރެޓޭރިއެޓްގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާ...

05 Feb 2020 | 06:31

ދިވެހިރާއްޖެ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް އަނެއްކާވެސް ވުމާއި ގުޅިގެން ކޮމަންވެލްތު ސެކްރެޓޭރިއެޓްގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް މިއަދު ފުރާވަޑައިގެންފިއެވެ.

މި ރަސްމިއްޔާތު އޮންނާނީ މާދަމާ އެވެ. މި ދަތުރުފުޅުގައި ކޮމަވެލްތުގެ އިސްވެރިންނާއި އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ އިސްވެރިންނާ މިނިސްޓަރު ޝާހިދު ބައްދަލުކުރައްވައި، ކޮމަންވެލްތާއި، ކޮމަންވެލްތުގެ މެމްބަރު ގައުމުތަކާއި ގުޅިގެން ރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެއްވާނެ އެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތުގައި މަޖިލިސް ތަމްސީލްކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މެދުހެންވޭރު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލީ އާޒިމް މިނިސްޓަރ ޝާހިދުގެ އަރިހުގައި ވަޑައިގެންނަވަ އެވެ.

އެ ރަސްމިއްޔާތަށްފަހު މިނިސްޓަރު ޝާހިދު ލަންޑަނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ވަޑައިގެން، އެތަނުގެ ނަންބޯޑު ރަސްމީކޮށް ބަދަލުކޮށްދެއްވާނެއެވެ. ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ރާއްޖެ އަލުން ވުމާއި ގުޅިގެން، މެމްބަރު އެހެން ގައުމުތަކުގައި ހިންގާ ޑިޕްލޮމެޓިކް މިޝަންތަކުގެ ނަންތައް އެމްބަސީތަކުގެ ބަދަލުގައި ހައިކޮމިޝަންތަކަށް ބަދަލުވެގެންދާނެއެވެ.

ކޮމަންވެލްތުން ވަކިވުމަށްފަހު، އަލުން ރާއްޖެ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ވެފައިވަނީ މިމަހުގެ އެއް ވަނަ ދުވަހު އެވެ.

މިނިސްޓަރ ޝާހިދު ލަންޑަށް ކުރައްވާ މިދަތުރުފުޅަށްފަހު ކޮމަންވެލްތުގައި ރާއްޖެއިން ހަރަކާތްތެރި ރޯލެއް އަދާކޮށް، އެޖަމްއިއްޔާގެ އެކިއެކި ސަބްސިޑަރީ ގުނަވަންތަކުގައި ބައިވެރިވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް