ނުރައްކާތެރި ކޮރޯނާ ވައިރަސް ފެތުރެމުންދާ ޗައިނާގައި ކާބޯތަކެތީގެ އަގު އުފުލެމުންދާ މި ދަނޑިވަޅުގައި ރާއްޖެއިން ޗައިނާއަށް އެއް މިލިއަން ދަޅު މަސް ހަދިޔާ ކުރަން ނިންމައިފި އެވެ.
ރަމްޒީގޮތުން މި މަސްދަޅުތައް ހަވާލު ކުރުން އޮތީ ފޮރިން މިނިސްޓްރީގައި އެވެ. ރާއްޖޭގެ ފަރާތުން ހަވާލުކޮށްދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޗައިނާ ފަރާތުން ހަވާލުވެވަޑައިގެންނެވީ ސަފީރު ޒަންގް ލިއޮން އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ މި ހަދިޔާ އަކީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމާއި ގުޅިގެން ދެވޭ އެހީއެއް ކަމަށެވެ. އަދި ޗައިނާ އިން ރާއްޖެ އަށް އެކި ދާއިރާތަކުން ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފާއިތުވި 40 އަހަރުތަކުގެ ރާއްޖެ އާއި ޗައިނާ ދެމެދު އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށާއި އެކަމުގެ ފައިދާ ރާއްޖެ އަށް ވަނީ ކޮށްފަ އެވެ.
ސަފީރު ލިއޮން ވިދާޅުވީ ޗައިނާ އަށް ކުރިމަތިވެފައިވަނީ ވަރަށް ދަތި ހާލަތެއް ކަމަށާއި ރާއްޖޭން މިފަދަ އެހީއެއް ދޭން ނިންމުމުން ޗައިނާ ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރާއްޖޭގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ސަފީރު ވިދާޅުވި އެވެ.
ކޮރޯނާ ވައިރަސް ފެތުރި ޗައިނާގެ ފިހާރަތަކާއި އޮފީސްތަކާއި ފެކްޓަރީތައް ބަންދުކުރަން ޖެހި އާންމު މުދާ ލިބުން ވަނީ ދަތިވެފަ އެވެ. ހާއްސަކޮށް ވައިރަސް އުފަންވި ވޫހާން ސިޓީގައި ކާބޯތަކެތި ލިބުން ދަތިވެ ތަކެތީގެ އަގުވެސް ވަނީ އިންތިހާއަށް އުފުލިފަ އެވެ.
އެހެންވެ ޗައިނާ އިން ވަނީ ކޮންމެހެން ބޭނުންވާ އެއްޗެހި ފޯރުކޮށްދިނުމަށް އެހެން ގައުމުތަކުގެ އެހީ އަށް އެދިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް