ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަކީ މިހާތަނަށް ބާއްވާ އެންމެ އުނދަގޫ އަދި ތަފާތު އިންތިހާބަށް ވާނެ އެވެ.
މިއީ އިލެކްޝަންސް ކޮމިޝަނުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބާއްވާ ފުރަތަމަ ފަހަރެވެ. އަދި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާ ފުރަތަމަ ފަހަރެވެ. އެ ކޮމިޝަނުން ބުނީ އެކަމަށް ފުރިހަމައަށް ތައްޔާރުވަމުންދާ ކަމަށެވެ.
އެކަމަކު އެންމެ އުނދަގޫ ކަމެއްގެ ގޮތުގައި ފާހަގަ ކުރަނީ ކޯޓު ކަރުދާސް ބާތިލްވާ ގޮތެވެ. ކުޑަ އޮޅުމަކުންވެސް ވޯޓު ބާތިލްވެދާނެ އެވެ. އެހެންވެ ވޯޓު ކަރުދާސް ކޮޅުގައި ފާހަގަ ޖަހާއިރު ވަރަށް ވިސްނަން ޖެހޭނެ އެވެ.
މި އިންތިހާބުގައި އަތޮޅު ކައުންސިލްގެ ރައީސް، ރަށު ކައުންސިލަރުން، ރަށު ކައުންސިލް ރައީސް އަދި ކައުންސިލް މެންބަރު، އަންހެން ހޮވުމަށް ބޭނުން ކުރާނީ އެއް ވޯޓު ކަރުދާސްކޮޅެއް ކަމަށް ބެލެވެ އެވެ. މީގެ އިތުރުން ކުޅުދުއްފުށީ ސިޓީ ކައުންސިލަކަށް ވީނަމަވެސް އެ ރަށު ރައްޔިތުން ހދ. އަތޮޅު ކައުންސިލްގެ ރައީސް ހޮވުމަށްވެސް ވޯޓުލާން ޖެހެ އެވެ.
އެހެންވެ މޭޔަރާއި ދާއިރާގެ މެންބަރު ހޮވުމުގެ އިތުރުން އަތޮޅު ކައުންސިލްގެ ރައީސް ހޮވާ ވޯޓު ކަރުދާސްކޮޅުވެސް އޮންނާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ ކައުންސިލްތަކަށް މެންބަރުންް އިންތިހާބު ކުރާ އުސޫލަށް ގެނައި ބަދަލުގެ ސަބަބުން ބާތިލު ވޯޓު ގިނަވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ. ކޮންމެ ކަރުދާހެއްގައި ވެސް އެކި މަގާމުތަކަށް މީހުން ހޮވަން ވޯޓު ދޭން ޖެހޭއިރު، އެއިން އެންމެ ބައެއްގައި ނުބައިކޮށް ވޯޓު ދެވުނަސް މުޅި ވޯޓު ކަރުދާސް އެއްކޮށް ބާތިލް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް މާލޭ ސިޓީ ކައުންސިލަށް މޭޔަރަކު ހޮއްވަވާއިރު އެންމެ ބޭފުޅަކު ހޮވަންޖެހޭ ތަނެއްގައި މޭޔަރަކަށް ދެ ގޮޅީގައި ފާހަގަ ޖަހައިފި ނަމަ، ތި ބޭފުޅާ މާލޭ ސިޓީ ކައުންސިލްގެ މެމްބަރަކަށް ހޮވާ ބޭފުޅާ އަށް ދޭ ވޯޓު ވެސް ބާތިލްވާނެ،" އަކްރަމް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ބާތިލް ވޯޓު މަދު ކުރުމަށް އާންމުން ވަރަށް ބޮޑަށް ހޭލުންތެރި ކުރަން ޖެހޭ ކަމަށެވެ. އެގޮތުން އެކަމުގައި އެންމެ ބޮޑު ޒިންމާއެއް އަދާ ކުރަން ޖެހެނީ އެ ކޮމިޝަނާއި އަމިއްލަ ޖަމިއްޔާތަކާއި ސިޔާސީ ޕާޓީތައް ކަމަށެވެ.
އެހެން ކަމުން ރައްޔިތުންގެ ޒިންމާއަކަށް ވާންވީ ފަރުދީ ޒިންމާ އަދާ ކުރުމުގައި އޮޅުން އަރާ ކަމެއް އޮތް ނަމަ ކަމާ ބެހޭ ފަރާތްތަކުން އެ މައުލޫމާތު ސާފު ކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް