ބޭންކް އޮފް މޯލްޑިވްސް އިން މާލޭގައި އެކައުންޓް އޯޕަނިންގ އަދި ލޯން ސެންޓަރ އެއް ހުޅުވައިފި

ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އަމީނީ މަގު މާލޭ ސްކެއަރ ގައި ހުންނަ ބީއެމްއެލްގެ ކަސްޓަމަރ ސަރވިސް ސެންޓަރ ގެ ފުރަތަމަ ފަންގިފިލާގައި އެކައުންޓް އޯޕެނިންގ އ...

05 Feb 2020 | 05:56

ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އަމީނީ މަގު މާލޭ ސްކެއަރ ގައި ހުންނަ ބީއެމްއެލްގެ ކަސްޓަމަރ ސަރވިސް ސެންޓަރ ގެ ފުރަތަމަ ފަންގިފިލާގައި އެކައުންޓް އޯޕެނިންގ އަދި ލޯން ސެންޓަރ އެއް މިއަދު ހުޅުވައިފިއެވެ.

އަލަށް ހުޅުވުނު އެކައުންޓް އޯޕަނިންގ އަދި ލޯން ސެންޓަރ އިން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން މެންދުރުފަހު 3:00 އަށެވެ. އަދި މި ސެންޓަރ މެދުވެރިކޮށް އަމިއްލަ ފަރުދުންނަށް އެކައުންޓް ހުޅުވުމާއި، ޕަރސަނަލް ލޯނާއި ހައުސިންގ ލޯނަށް އެދި ހުށަހެޅޭނެއެވެ. ކަސްޓަމަރުންގެ ލުއި ފަސޭހަކަމާއެކު ކިއުގައި މަޑުކުރަންޖެހޭ ވަގުތު މަދުކުރުމަށްޓަކައި، އެކައުންޓް ހުޅުވުމާއި ލޯނަށް އެދި ހުށަހެޅުމަށް ކަސްޓަމަރުން ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރ ގެ ފޯނު ނަންބަރު 3330200 އަށް ގުޅުއްވުމުން އެޕޮއިންޓްމަންޓް ހަމަޖައްސައިދެވޭނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ " މިވޭތުވެދިޔަ އަހަރުތަކުގައި ބޭންކުން މިވަނީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ގިނަގުނަ އިންވެސްޓްމަންޓްތަކެއްކޮށްފަ. އަލަށް މި ހުޅުވިގެންދިޔަ ޒަމާނީ ސެންޓަރގައި ކަސްޓަމަރުންނަށް އެހީތެރިވުމަށް ހާއްސަ ޓީމެއް މަސައްކަތްކުރަމުންދާނެ. އަދި މިސެންޓަރުން ކަސްޓަމަރުން ބޭނުންވާނެ ފަދަ ފުރިހަމަ ހިދުމަތެއް ލިބިގެންދާނެ."

މި ސެންޓަރ މެދުވެރިކޮށް އަމިއްލަ ފަރުދުންނަށް އަލަށް އެކައުންޓް ހުޅުވުމާއި ލޯނަށް އެދި ހުށަހެޅޭނެއެވެ. ކާޑަށް އެދި ހުށަހެޅުމާއި، އިންޓަރނެޓް ބޭންކިންގ އާއި އިންޓަނޭޝަނަލް ޓްރާންސްފަރ ޚިދުމަތާއި ފައިސާގެ މުޢާމަލާތް ހިމެނޭ ހުރިހާ ޚިދުމަތެެއް ލިބެމުންދާނީ މެއިން ބްރާންޗް އިންނެވެ. ސްޓޭޓްމަންޓް އަށް އެދި ހުށަހެޅުމާއި، ޗެކް ފޮތާއި ކާޑު ދޫކުރުމުގެ ޚިދުމަތް ލިބެގެންދާނީ ކަސްޓަމަރ ސަރވިސް ސެންޓަރ އިންނެވެ. ފައިސާގެ މުޢާމަލާތްތައް ފިޔަވައި ވިޔަފާރިތަކުން ބޭނުންވާ އެހެން ހުރިހާ ޚިދުމަތެއް ދެމުންދާނީ ބީއެމްއެލް ބިޒްނަސް ސެންޓަރ އިންނެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 51  ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް