ޝިދާތާ އިސްތިއުފާ ނުދެއްވާ ނަމަ ސަރުކާރުން ނުނީ މަޖިލީހުން އޭނާ ވަކި ކުރަންޖެހޭ

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އަމިއްލައަށް އިސްތިއުފާ ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ގޮވާލައްވައިފި އެވެ. މިގޮތަށް އެ މެންބަރުން ގޮވާލެއްވީ18 އަހަރުވެފައިވާ ނުކުޅެދު...

05 Feb 2020 | 05:45

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އަމިއްލައަށް އިސްތިއުފާ ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ގޮވާލައްވައިފި އެވެ.

މިގޮތަށް އެ މެންބަރުން ގޮވާލެއްވީ18 އަހަރުވެފައިވާ ނުކުޅެދުންތެރިކަން ހުރި ޒުވާން ފިރިހެނެއްގެ ބެލެނިވެރިކަން ނުކުޅެދޭ ކުދިންގެ ހައްގުގައި މަސައްކަތް ކުރާކަމަށް މަޝްހޫރު އަހުމަދު ހިޝާން ނަގައިގެން އުޅޭ މައްސަލައިގަ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަކަށް ބަހުސް ކުރައްވަމުންނެވެ. ފެމެލީ ކޯޓުން ހިޝާންއަށް އެ ޒުވާނާގެ ބެލެނިވެރިކަން ބަދަލު ނުކުރެވޭނެ ކަމަށް ހުކުމްކޮށްފައިވަނިކޮށް ހުކުމާއި ދެކޮޅަށް ހިޝާން އޭނާ ގެންގުޅޭކަން އެނގި ހުރެ ޖެންޑާ މިނިސްޓްރީން ފިޔަވަޅެއް އަޅާފައި ނުވާކަން ހާމަވީ އިއްޔެ ހައިކޯޓުގައި ބޭއްވި އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއްގައި އެވެ.

ޖެންޑާ މިނިސްޓްރީ މިކަމުގައި އިހުމާލުވާކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. މި މައްސަލަ މަޖިލީހަށް ބަލައިގަތީ45 މެންބަރުންގެ ތެރެއިން41 މެންބަރުންގެ ތާއީދާއި އެކު އެވެ.

މީކާއީލް މި މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއްް ހިޝާނަށް ކުރެވޭ ކަން އެނގި ތިބެ، އޭނާ އަށް ސަރުކާރުން އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަން ދެވިގެން ނުވާނެ ކަމަށެވެ. އިތުރަށް ފާހަގަކުރެއްވި ގޮތުގައި 19 އަހަރުގެ ޒުވާނާގެ ބެލެނިވެރިކަން ފެމިލީ ކޯޓުން ނަގައި ނުދިނުމުން ހިޝާން އެ ޒުވާނާ ގޮވައިގެން އުޅުނު އިރު، އެ ޒުވާނާ ހިމާޔަތް ކުރަން މިނިސްޓްރީން އެއްވެސް ކަމެއް ނުކޮށް އޮތުމެވެ.

"ދުނިޔޭގެ ލަދަށް ޓަކައި ނަމަވެސް މިނިސްޓަރު ޝިދާތާ އިސްތިއުފާ ދެއްވަން އެބަ ޖެހޭ. އިސްތިއުފާ ނުދެއްވައިފި ނަމަ އަޅުގަނޑު އިޚުލާސްްތެރިކަމާ އެކު މި އިލްތިމާސް ކުރަނީ ސަރުކާރަށް ވެސް ޖެންޑާ މިނިސްޓަރު ވަކިކުރައްވަން އެބަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.

މި މައްސަލައަށް ބަހުސް ކުރެއްވި އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ޝިދާތާ އަމިއްލައަށް އިސްތިއުފާދެއްވުމަށް ގޮވާލައްވާފަ އެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޖެންޑާ މިނިސްޓްރީން އިހުމާލުވެފައިވާކަން މި މައްސަލައިން ވަރަށް ބޮޑަށް ސާފުވާ ކަމަށާއި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ މިނިސްޓަރު ކަމަށް މެންބަރުން ވިދާޅުވި އެވެ.

ބައެއް މެންބަރުން ވިދާޅުވީ އެމްޑީޕީ އަކީ ސަރުކާރުގެ ތެރޭގައި ހިނގާ މިފަދަ ކަންކަން އިސްލާޙު ކުރަން ވެރިކަމަށް އައި ބައެއް ކަމަށެވެ.

"އަޅުގަނޑު އެދެން ވަރަށް އިޚުލާސްތެރިކަމާ އެކީގައި ޖެންޑާ މިނިސްޓަރު އިސްތިއުފާ ދެއްވުމަށް. އަޅުގަނޑުމެން، އިއްޒަތްތެރި ރައީސް އޯގާތެރި ސަރުކާރުގެ ވާހަކަ ދައްކަމުން އައި ޕާޓީ، ދިވެހި ރައްޔިތުންގެޑިމޮކްރެޓިކް ޕާޓީއަކަށް ނޯވެވޭނެ، މި ކަހަލަ ކަންކަން ހިނގަމުން ދާއިރު ދެ އަތް އުރާލައިގެންނެއް،" ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް