ޗައިނާގެ ވޫހާން ޕްރޮވިންސްގެ ހޫބޭ ސިޓީން ފެނުނު ނުރައްކާތެރި ކޮރޯނާ ވައިރަހުގައި މަރުވި މީހުންގެ އަދަދު 490 އަށް އަރައިފިއެވެ. އަދި މި ވައިރަސް ޖެހުނު މީހުންގެ އަދަދުވެސް ވަނީ 24324 އަށް އަރާފައެވެ. މިއީ ޖެހުނު މީހުންގެ އަދަދު 3887ގެ އިތުރުވުމެކެވެ.
މި ވައިރަހާއި ގުޅިގެން ޗައިނާއިން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން މި ބަލި ފެތުރޭ ބައެއް ސިޓީތައް ލޮކްޑައުން ކޮށްފައިވާއިރު ބައެއް ގައުމުތަކުން އަންނަނީ އެ ގައުމުތަކުގެ ރައްޔިތުން ޗައިނާއިން ބޭރުކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޗައިނާގައި ތިބި ދިވެހިންވެސް މިހާރު ވަނީ އިންޑިއާއަށް ގެންގޮސްފައެވެ.
މި ބަލި ފެތުރެމުން އަންނަތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު ކޮންޓްރޯލު ކުރެވުމުގެ އަލާމާތެއް އަދި ނުފެނެއެވެ. މިއާއެކު ގައުމުތަކުން ގުޅިގެން މި ބައްޔާ ދެކޮޅަށް މަސައްކަތް ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.
މި ވައިރަސް ޗައިނާއިން ބޭރުވެ އެތައް ގައުމަކަށް މިހާރު ފެތުރިފައިވާއިރު ޗައިނާގެ ބޭރުންވެސް މި ވައިރަހުގައި ދެ މީހަކު ވަނީ މަރުވެފައެވެ.
ދިވެހިން އާންމުކޮށް ގޮސް އުޅޭ އަދި ގިނަ އަދަދެއްގެ ދިވެހިން މިހާރުވެސް ދިރިއުޅެމުން އަންނަ ކެރެލާ ސްޓޭޓްގައިވެސް މި ވައިރަސް ފެތުރެން ފަށާފައިވާއިރު ދިވެހި ރާއްޖެއިން ވަނީ މި ވައިރަހުން ރައްކާތެރިވުމަށް ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ކެރެލާއަށް ނުކުރުމަށް އަންގާފައިވާއިރު ޗައިނާއިން އެއްވެސް ފަތުރުވެރިއަކަށް ރާއްޖެ ނާދެވޭނެހެން ޓްރެވަލް އެޑްވައިޒަރީއެއް ވަނީ ނެރެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް