ކުރިއަށް އޮތް 19 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީއަށް ފަސް ދާއިރާއަކަށް ވާދަކުރުމުގެ ހުއްދަ ދޭން އެމްޑީޕީގެ ގައުމީ މަޖިލީހުން މަޝްވަރާ ކޮށްފިއެވެ.
މިއަދު އޮތް ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ހުށަހަޅާފައި ވަނީ އަދާލަތު ޕާޓީއަށް ފަސް ދާއިރާއެއް ދިނުމާ މެދު މަޝްވަރާ ކުރުމަށެވެ. އެކަމަށް ގައުމީ މަޖިލީހުގެ މެމްބަރުން ދެއްކެވި ވާހަކަތަކުގައި ފަސް ދާއިރާއެއް ދިނުމުގައި އެދާއިރާތަކަށް މިވަގުތު ޓިކެޓް ދެވިފައިވާ ކެންޑިޑޭޓުންނާއި އެދާއިރާގެ އެމްޑީޕީ މެމްބަރުންނާއި ވާހަކަ ދެއްކުމަށްފަހު ގޮތެއް ނިންމުމަށް ވަނީ މަޝްވަރާ ކުރެވިފައެވެ.
މި ބައްދަލުވުން ނިމުމަށްފަހު ރައީސް މުހައްމަދު ނަޝީދު މީޑިއާއަށް ވިދާޅުވީ އަދާލަތު ޕާޓީއަށް ފަހެއް ނޫނީ ހަ ދާއިރާއެއް ދިނުމަށް ގައުމީ މަޖިލީހުގައި މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި މެމްބަރުންގެ ހިޔާލު ހުރި ގޮތުން އެދާއިރާއެއްގެ ކެންޑިޑޭޓައި އެމްޑީޕީ މެމްބަރުންނާއި ވާހަކަ ދައްކައިގެން އެކަން ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީން ފަސް ދާއިރާއެއް އަދާލަތަށް ދިނުމަށް މަޝްވަރާ ކުރެވުނު ނަމަވެސް އެ ދާއިރާތަކަކީ ކޮބައިކަން އަދި ހާމަކޮށްފައެއް ނުވެއެވެ. އެމްޑީޕީގެ ރައީސް ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ވިދާޅުވީ އަދާލަތު ޕާޓީއާއެކު ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ދިއުމަށް މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.
އެމްޑީޕީއާއި އަދާލަތު ޕާޓިން އިއްޔެ ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެއްކޮށް ވާދަ ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް