ލިވަޕޫލް އަނެއްކާ ވެސް އެއްވަރުވެ ލީގުގެ ފޯރިގަދަ ވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ އެއް ވަނައިގައި އޮތް ލިވަޕޫލް ޖެހިޖެހިގެން ދެ ވަނަ މެޗުން އެއްވަރުވެ، އެ ޓީމުން ދެ ވަނައިގައި އޮތް ސިޓީގެ މައްޗަށް ނަގާފައިވާ ބޮޑު ލީޑު 3 ޕޮއިންޓަށް ކުޑަވެ، ލީގު ހޯދުމ...

05 Feb 2019 | 04:02

އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ އެއް ވަނައިގައި އޮތް ލިވަޕޫލް ޖެހިޖެހިގެން ދެ ވަނަ މެޗުން އެއްވަރުވެ، އެ ޓީމުން ދެ ވަނައިގައި އޮތް ސިޓީގެ މައްޗަށް ނަގާފައިވާ ބޮޑު ލީޑު 3 ޕޮއިންޓަށް ކުޑަވެ، ލީގު ހޯދުމުގެ ރޭހުގެ ފޯރިގަދަވެއްޖެއެވެ.

މި ހަފުތާގައި ސިޓީން ވާދަވެރި އާސެނަލް ބަލިކުރިއިރު، ރޭގެ މެޗުގައި ލިވަޕޫލް އާއި ވެސްޓް ހޭމް އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ. ރޭގެ މެޗުން މޮޅުވި ނަމަ އެ ޓީމަށް 5 ޕޮއިންޓްގެ ލީޑެއް ލިބުނީހެވެ.

ރޭގެ މެޗުގެ 22 ވަނަ މިނިޓުގައި ލިވަޕޫލް އިން ސަޑިއޯ މާނޭ ޖަހައިދިން ލަނޑާއެކު ލީޑު ނެގިއެވެ. އެހެނަސް މި ލަނޑު ޖަހަން އުފެއްދި ހަމަލާގައި، ލަލާނާ ޖޭމްސް މިލްނާއަށް ބޯޅަ ޖައްސާލިއިރު، މިލްނާ ހުރީ ވަރަށް ބޮޑަށް އޮފްސައިޑްގައެވެ. ކަނާތްފަރާތު އަރިމަތިން ކުޅުނު އެ ބޯޅައިގައި، ނުލާހިކު ކައިރީގައި ލައިންސްމަން ހުރި ނަމަވެސް، އޭނާ އޮފްސައިޑްއަށް ނުދެއްކިއިރު، މިލްނާ ބޯޅަ ހިފައިގެން އަރާ ހުރަސްކޮށްލުމުން މާނޭ ވަނީ އެ ބޯޅަ ގޯލަށް ފޮނުވާލާފައެވެ.

ލިވަޕޫލްއިން ޖެހި އޮފްސައިޑް ލަނޑެއް ރަނގަޅު ކަމަށް ނިންމުމުން މެޗު ހޫނުވިއިރު، ވެސްޓްހޭމް އިން ވަނީ މާކަ ގިނައިރުތަކެއް ނުވެ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. 28 ވަނަ މިނިޓުގައި ވެސްޓް ހޭމްގެ ހިލޭ ޖެހުމެއް ފިލިއްޕޭ އެންޑަސަން ލިވަޕޫލްގެ އޭރިޔާގެ ތެރެއަށް މަތިން ހުރަސްކޮށްލިއިރު، އެ ބޯޅައަށް އަރައި އެއްބުރުން އެންޓޯނިއޯ ފޮނުވާލި ހަމަލާ ގޯލަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފައެވެ.

ނަތީޖާ ހަމަހަމަކޮށް އޮވެ ފުރަތަމަ ހާފު ނިމުނުއިރު، ދެ ވަނަ ހާފުގައި ވެސް ގިނަ ބައެއްގެ ލޮލުގައި ބޮޑަށް އަޅައިގަތީ މެޗު އޮފިޝަލުންގެ ބައެއް ނިންމުންތަކެވެ. މެޗުގެ ފަހުކޮޅުގައި ލިވަޕޫލްއިން އުފެއްދި ހަމަލާއެއްގައި މުޙައްމަދު ސަލާހް އޮފްސައިޑްކަމަށް ލައިންސްމަން ދެއްކިއިރު، ޓީވީ ރީޕްލޭ އިން ފެންނަނީ ވެސްޓް ހޭމްގެ 3 ކުޅުންތެރިން އޭނާއާ އެއް ހަމައެއްގައި ނުވަތަ އެއަށްވުރެ ވެސް ފަހަތުގައި ތިބިތަނެވެ. އަނެއްކޮޅުން އިތުރު ވަގުތުގައި ލިވަޕޫލްއިން ނުރައްކާތެރި ހަމަލާއެއް އުފައްދައި ލަނޑު ޖެހުމާ ހަމައަށް ދިޔައިރު، އެ ހަމަލާ ފޮނުވާލި އޮރިގީ އޮފްސައިޑް ނަމަވެސް ލައިންސްމަން ދިދަ ނުނަގައެވެ. އަދި ރެފްރީ ވެސް އޮފްސައިޑްކަމަށް ނުނިންމައެވެ.

ލިވަޕޫލް ޖެހިޖެހިގެން 2 މެޗުން އެއްވަރުވިއިރު، އަންނަ ހޮނިހިރު ދުވަހު އެ ޓީމު ދެން ނުކުންނާނީ ބޯންމައުތާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް