ގެދޮރުވެރިންނަށް "ލައިފްސްޓައިލް ލޯން" ބީއެމްއެލް އިން ތައާރަފް ކޮށްފި

ކަސްޓަމަރުން ބޭނުންވާ ފަދަ ފައިނޭންސިންގެ އިތުރު ފުރުސަތު ހޯދައިދިނުމަށް ބީއެމްއެލް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އާ ލޯނެއް މިއަދު ތައާރަފްކޮށްފިއެވެ. 'ލައިފް ސްޓައިލް ލޯން' ފަރުމާކުރެވިފައިވަ...

05 Feb 2018 | 13:59

ކަސްޓަމަރުން ބޭނުންވާ ފަދަ ފައިނޭންސިންގެ އިތުރު ފުރުސަތު ހޯދައިދިނުމަށް ބީއެމްއެލް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އާ ލޯނެއް މިއަދު ތައާރަފްކޮށްފިއެވެ.

'ލައިފް ސްޓައިލް ލޯން' ފަރުމާކުރެވިފައިވަނީ ގެދޮރުވެރިންނަށް އަމިއްލަ ގެދޮރު ރަހުނުކުރުމަށްފަހު ލުއިފަސޭހަކަމާއެކު 500،000 ރުފިޔާ އާ ހަމަޔަށް ލޯނު ލިބޭނެ ގޮތަށެވެ.

ބޭންކުން ހާމަކޮށްފައިވާގޮތުގައި މި ލޯނު މެދުވެރިކޮށް އަމިއްލަ ބޭނުންތަކަށާއި ވިޔަފާރި ބޭނުންތަކަށް ފައިނޭންސް ކުރެވޭނެއެވެ. މި ގޮތުން ގެއަށް ބޭނުންވާ ފަރުނީޗަރު ނުވަތަ އިލެކްޓްރޯނިކް ސާމާނު ހޯދުމަށާއި ކުދިންނަށް ތައުލީމް ހާސިލްކޮށްދިނުމަށާއި، ވިޔަފާރިއަށް ކުއްލިއަކަށް ބޭނުންވާ ފައިސާ ހޯދުމަށް ވެސް މި ލޯނު ބޭނުންކުރެވޭނެއެވެ. މި ލޯނު ދޫކުރާނީ ކަސްޓަމަރުގެ އަމިއްލަ ގެދޮރު ރަހުނުކުރުމަށްފަހުގައެވެ.

މި ލޯނާ ގުޅޭގޮތުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ބިޒްނަސް ކުލްދިޕް ޕަލިވާލް ވިދާޅުވީ  " ބީއެމްއެލް ލައިފްސްޓައިލް ލޯނަކީ ފަސޭހަކަމާއެކު ކްރެޑިޓެއް ހޯދުމަށް ބޭނުންވާ ކަސްޓަމަރުންނަށް ވަރަށް އެކަށޭނެ ލޯނެއް. ކުލީގެ ގޮތުގައި އާމްދަނީ ލިބޭ ފަރާތްތަަކަށް އަމިއްލަ ގެދޮރު ރަހުނުކުރުމަށްފަހު ފަސޭހަކަމާ އެކު 500،000 ރުފިޔާ އާ ހަމަޔަށް ދޫކުރެވޭ ލޯނަކަށް ވުމާއެކު، މިއީ އެ ކަސްޓަމަރުންގެ މެދުގައި މަޤްބޫލް ލޯނަކަށް ވެގެންދާނެ. މިލޯނާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ކޮންމެ ބްރާންޗަކުންނާއި، ރިލޭޝަންޝިޕް މޭނަޖަރުން މެދުވެރިކޮށް އަދި ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv އިން ލިބޭނެ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 33  ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 92 އޭޓީއެމް، 4900 ޕީއޯއެސް މަރޗަންޓުން، 205 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް