ހުޅުމާލޭގައި އަލަށް ހެދި 704 ފްލެޓްގެ ތެރެއިން، ފްލެޓް ލިބުނު 661 މީހުންގެ ލިސްޓް އާއްމުކުރަން ސަރުކާރުން ދެކޮޅުހަދާފައި ވަނިކޮށް، އެ ލިސްޓު މިއަދު ލީކުކޮށްލާފައިވާކަމަށާއި އެ ލިސްޓުގައި ޝަރުތު ހަމަނުވާ 261 މީހަކަށް ފްލެޓް ދީފައިވާކަމަށް މިހާރު ނޫހުން ރިޕޯޓް ކޮށްފި އެވެ.
ލިސްޓް ލީކު ކޮށްލާފައިވަނީ ކޮން މަސްދަރެއްގައިކަން މިހާރު ނޫހުން ހާމަކޮށްފައި ނުވި ނަމަވެސް ގިނަ މައުލޫމާތު ތަކެއް ހާމަކޮށްފައި ވެ އެވެ.
އެގޮތުން ލީކުކޮށްލި ލިސްޓުގައި ފްލެޓް ލިބުނު މީހުންގެ ނަމާއި އެޑްރެސް އަދި ފޯމް ނަމްބަރާއި އައިޑީ ކާޑު ނަމްބަރު ވެސް ހިމަނާފައިވާކަމަށާއި ފްލެޓަށް ހައްގުވާ 259 މީހަކު އެ ލިސްޓުން އުނިކުރި އިރު ފްލެޓް ލިބުމުގެ ޝަރުތު ހަމަނުވާ 261 މީހަކަށް ފްލެޓް ދީފައިވާކަން ވެސް އެ ލިސްޓުން އެނގޭ ކަމަށް ރިޕޯޓް ކޮށްފައިވެ އެވެ.
އަދި އެ ލިސްޓުގައިވާ ގޮތުން 109 ޕޮއިންޓް ލިބުނު މީހުން އުނި ކުރި އިރު، 107 ޕޮއިންޓް ލިބުނު ބައެއް މީހުން އުނިކޮށް، 107 ޕޮއިންޓް ލިބުނު ބައެއް މީހުންނަށް ފްލެޓް ދީފައިވާކަމަށާއި. 109 ޕޮއިންޓުން ފެށިގެން 90 ޕޮއިންޓާ ހަމަޔަށް ޕޮއިންޓް ލިބުނު މީހުންގެ ތެރެއިން ވެސް ބައެއް މީހުންގެ ނަންތައް އުނިކޮށްފައިވާކަމުގައިވެސް މިހާރު ނޫހުގައި ރިޕޯޓް ކޮށްފައި ވެ އެވެ.
އެ ނޫހުގައި ރިޕޯޓް ކޮށްފައިވާގޮތުން އޭގެ އިތުރުން "މިނިސްޓާ ލިސްޓް"ގެ ނަމުގައި ވަކި ލިސްޓެއް ހަދައި، 89 ޕޮއިންޓުން ފެށިގެން 54 ޕޮއިންޓާ ހަމަޔަށް ޕޮއިންޓް ލިބުނު ބައެއް މީހުންނަށް ވެސް ފްލެޓް ދީފައިވާކަމަށާއި މި ލިސްޓުގެ ސުރުހީގައި ބުނެފައިވާ ގޮތުން މި ބައިގައި ހިމެނެނީ ފްލެޓަށް ޝަރުތު ހަމަނުވި ނަމަވެސް ފްލެޓް ދީފައިވާ މީހުން ހިމެނޭ ކަމަށްވެސް ރިޕޯޓް ކޮށްފައި ވެ އެވެ.
މި ލިސްޓް ލީކު ކޮށްލާފައި މިވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު މި ފަހުން ހަލަބޮލި ނުވާހާ ބޮޑަށް ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް