ބިހި ފިލުވާލަން ދަތްއުނގުޅާބޭސް ބޭނުންކުރެވިދާނެތަ؟

ދަތްއުނގުޅާބޭސް ބޭނުންކުރުމުން ހަމަ އަސްލުވެސް މޫނުން ބިހިފިލާ ހެއްޔެވެ؟ އާނއެކެވެ. ދަތްއުގުޅާބޭސް ބޭނުންކޮށްގެން ބިހިފިލުމަކީ ވުން އެކަށީގެންވާކަމެކެވެ. އޭގައި ހިމެނޭ މާއްދާއެކަމަށްވާ ޓްރައިކްލޮސަން ...

05 Jan 2020 | 06:57

ދަތްއުނގުޅާބޭސް ބޭނުންކުރުމުން ހަމަ އަސްލުވެސް މޫނުން ބިހިފިލާ ހެއްޔެވެ؟

އާނއެކެވެ. ދަތްއުގުޅާބޭސް ބޭނުންކޮށްގެން ބިހިފިލުމަކީ ވުން އެކަށީގެންވާކަމެކެވެ. އޭގައި ހިމެނޭ މާއްދާއެކަމަށްވާ ޓްރައިކްލޮސަން ބެކްޓީރިއާ ނައްތާލުމަށް އެހީވެދެއެވެ. މީގެ ސަބަބުން މޫނުގައި ނަގާފައިވާ ބިހި އިތުރަށް ބޮޑުވުން ހުއްޓުވައިދިނުމަކީ އެކަށީގެންވާކަމެކެވެ. އަދި މިނޫނަސް، ދަތްއުނގުޅާބޭހުގައި އާންމުކޮށް ހިމެނޭ ބައެއް މާއްދާތައްކަމަށްވާ، ބޭކިންގ ސޯޑާ، އަލްކަހޯލް، އަދި ހައިޑްރޮޖަން ޕެރޮކްސައިޑް އަކީ ހަންގަނޑު ހިއްކައިދޭ ބައެއް މާއްދާއެވެ. ވީމާ މިމާއްދާތަކުގެ ސަބަބުން ބިއްސާއި އޮށާޅަ ކުޑަވުމަކީ ނުވަތަ ފިލުމަކީ ވެދާނެކަމެކެވެ. އަދި ހަމަ އެހެންމެ، ދަތްއުނގުޅާބޭހުގައި ހިމެނޭ މެންތޯލްގެ ސަބަބުން އެވަގުތަށް ބިއްސައްވާ ތަދާއި ބިހި އިތުރަށް ބޮޑުވުން ހުއްޓުވައިދެއެވެ.

ނަމަވެސް އޮށާޅައާއި ބިހި ފިލުވުމަށް ދަތްއުނގުޅާބޭސް ބޭނުންކުރުމަކީ ބުއްދިވެރިކަމެއްބާއެވެ؟

ހ.

"އެނޓިބެކްޓީރިއަލް" ގިނަ އުފެއްދުން ތަކުގައި ހިމެނުނު ޓްރައިކްލޮސަން މިހާރު އުފައްދާ ގިނަ ދަތްއުނގުޅާބޭސްތަކުގައި އެއް ނުހިމެނެއެވެ. ސަބަބަކީ، 2016އިން ފެށީގެން އެފްޑީއޭއިން މިކެމިކަލް ބޭނުންކުރުން މަނާކޮށްފައިވުމެވެ. މި މާއްދާއިން ލިބޭ ގެއްލުންތައް ސީދާގޮތެއްގައި އަދި ބެލިފައި ނެތްނަމަވެސް، ޖަނަވާރު ބޭނުންކޮށްގެން ހޯދިފައިވާ ހޯދުންތަކުން ދައްކާގޮތުގައި ޓްރައިކްލޮސަންގެ ސަބަބުން ދަރިފަނި އުފެދުން ދައްކުރެއެވެ. އަދި ތައިރޮއިޑަށް އޭގެ ނޭދެވޭ އަސަރުކުރެއެވެ. އަދި ނޭވާހިއްލުމަށްވެސް މަގުފަހިކުރުވާ މާއްދާއެއްކަމަށް ބެލެވިފައިވެއެވެ.

ށ.

ހަމުގެބަލިތަކަށް ފަރުވާކުރާތާ 30އަހަރަށްވުރެ ގިނަދުވަސްވެފައިވާ ޑރ. ނީލް ޝުލްޒް "ހަފްޕޯސްޓް"ގެ "ބިއުޓީ މިތްސް"އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ދަތްއުނގުޅާބޭސް އުނގުޅުމުގެ ސަބަބުން ހަންގަނޑު އިތުރަށްހިކި، އަނދައިގެން ދިޔުމަށްވެސް މަގުފަހިވެދާނެކަމަށެވެ. ހަމުގެ ބަލިތަކަށް ފަރުވާކުރާތާ 12އަހަރުވެފައިވާ އަދި އެމެރިކަން ސޮސައިޓީ އޮފް ޑަރމަޓޮލޮޖިކަލް ސާޖަރީގެ މެމްބަރެއްކަމަށްވާ ޑރ. ރެބެއްކާ ބެކްސްޓް ވެސް "ބިއުޓީމިތްސް"އަށް ދީފައިވާ އިންޓަރވިއުއެއްގައި ބުނެފައިވަނީ "ދަތްއުގުޅާބޭހުގެ ސަބަބުން ހަންގަނޑަށް އުނދަގޫތަކެއް ކުރިމަތިވާނެއެވެ. ވީމާ ބައެއްމީހުންނަށް އޭގެ ސަބަބުން ބިހިފިލާކަމަށް ހީވިނަމަވެސް، އޭގެ ސަބަބުން އަސްލުވާކަމަކީ ހަންގަނޑު ރަތްވެ ނޮޅެނީއެވެ."

ނ.

ދަތްއުނގުޅާބޭހަކީ ދަތައް ޚާއްސަކޮށްގެން އުފައްދާފައިވާ އެއްޗެކެވެ. މޫނުގެ ނާޒުކުހަމުގައި ބޭނުންކުރާކަށް ނުވާނެއެވެ. ދަތްއުނގުޅާބޭސް ބޭނުންކޮށްގެން ހަންގަނޑަށް އުނދަގޫތަކެއް ކުރިމަތިނުވިނަމަވެސް، އޭގެ ސަބަބުން ހަންގަނޑު މާބޮޑަށް ހިކިއްޖެނަމަ، މާގިނައިން އޮށާޅަނެގުމަށް މެދުވެރިވެދާނެއެވެ.

ރ.

އޮށާޅައާއި ބިހި ނައްތައިލަން ދަތްއުނގުޅާބޭސް ބޭނުންކުރުމުގެ ބަދަލުގައި ސެލިސިލިކް އެސިޑް ނުވަތަ ބެންޒޮއިލް ޕެރޮކްސައިޑް ހިމެނޭ، މޫނަށް ޚާއްސަކޮށް ހަދާފައިވާ އެއްޗެހި އޮށާޅައާއި ބިހިފިލުވުމަށް ބޭނުންކުރާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް