އަދީބަށް އައިޖީއެމްއެޗްގައި ފަރުވާ ދެނީ

ކުރީގެ ނާއިބް ރައީސް އަދި އެމްޓީޑީގެ ރައީސް ކަމަށް އައްޔަން ކޮށްފައިވާ އަހުމަދު އަދީބްގެ ސިއްހީ ހާލުކޮޅު ގޯސްވެގެން އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފިއެވެ. އެމަނިކުފާނުގެ އަނބިކަނބަލުން މަރިޔަމް ...

05 Jan 2019 | 16:41

ކުރީގެ ނާއިބް ރައީސް އަދި އެމްޓީޑީގެ ރައީސް ކަމަށް އައްޔަން ކޮށްފައިވާ އަހުމަދު އަދީބްގެ ސިއްހީ ހާލުކޮޅު ގޯސްވެގެން އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފިއެވެ.

އެމަނިކުފާނުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވި ގޮތުގައި، އަދީބަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗްގެ ކްރިޓިކަލް ކެއަރގައެވެ. މިރޭގެ ވަގުތެއްގައި ނަޝްވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި، އަދީބަށް ކްރިޓިކަލް ކެއަރ ގައި ފަރުވާދެމުން ދާއިރު، އަދީބް ކައިރީގައި އައިލާގެ ބޭފުޅަކަށްވެސް މަޑުކުރެއްވުމުގެ ފުރުސަތު ކަރެކްޝަން އިން ނުދެއްވާ ކަަމަށެވެ.

މިރޭ އިރާކޮޅުން ފެށިގެން އަދީބަށް ފަރުވާ ދެމުން ގެންދާ ނަމަވެސް، އެކަމާ ބެހޭ ގޮތުން އިތުރު އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައެއްނުވެއެވެ. މިކަމާ ބެހޭގޮތުން ކަރެކްޝަންސް އިންވެސް އެެއްވެސް މައުލޫމާތެއް އަދި ހިއްސާއެއް ނުކުރެއެވެ.

އަދީބަށް ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި، އައިޖީއެމްއެޗް ގައި އެޑްމިޓްކޮށް، ކިޑްނީގައި އުފެދިފައިވާ ހިލަ ގޮއްވާލާ ފަރުވާ ދީފައެވެ. އަދި އަދީބުގެ ހަށިގަނޑުގައި ސިސްޓުތަކެއް އުފެދިފައިވާ ކަމަށްވެސް ޑޮކްޓަރުން ބުނެފަވެއެވެ. އަދި މީގެ އިތުރުންވެސް، ލޮލުގެ ފެނުމަށް އަސަރުކުރާ ބައްޔެއް ކަަމަށްވާ ގްލަކޯމާ އަށް ވެސް މީގެ ކުރިން ވަނީ އައިޖީއެމްއެޗް ގައި ފަރުވާ ދީފައެވެ.

ޑޮކްޓަރުގެ ލަފާގެ މަތިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އަދީބް ވަނީ ޖަލުން ގޭ ބަންދަން ބަދަލުކޮށްފައެވެ. ނަމަވެސް މިމަހުގެ ދެވަނަ ދުވަހު އަނބުރާ އަދީބް ވަނީ ޖަލަށް ބަދަލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް