މަޝްހޫރު ވީލޮގަރ ނުސައިރު ޔާސީން (ނަސް ޑެއިލީ) 1000 ދުވަހު މެދުނުކެނޑި 1 މިނެޓުގެ ވީޑިޔޯ ހެދުމަށްފަހު އެންމެ ފަހުން ވީޑިއޯ ހެދުން ހުއްޓާލައިފިއެވެ.
ނަސް ވަނީ މީގެ ކުރިންވެސް 1000 ދުވަހު ވީޑިޔޯ ހެދުމަށްފަހު އޭނަގެ ވީޑިޔޯތައް ހެދުން ހުއްޓާލާނެކަމަށް ބުނެފައެވެ. މިއަދު އޭނާގެ ފޭސްބުކް ޕޭޖުގައި އާންމުކުރި 1000 ވަނަ ވީޑިޔޯގައި އޭނާ ބުނެފައިވަނި މީގެ 4 އަހަރު ކުރިން ވީޑިޔޯ ހަދަން ފެށި އިރު ނަސް އަކީ ކުޑަކުއްޖެއް ކަމަށާއި އަދި މިހާރު 1000 ދުވަސް ފަހުން އޭނާއަށް އެތައް ބައެއް ސަޕޯޓާއި ލޯބި ލިބިފައިވާ ކަމަށެވެ. އަދި މިހާތަނަށް އޭނާއަށް އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ނަސް ވަނީ ޝުކުރު އަދާކޮށްފައެވެ.
ނަސް ވީޑިއޯ ހެދުން ހުއްޓާލުން ފާހަގަ ކުރުމުގެ ގޮތުން މިއަދު ބޮޑު އެއްވުމެއް ބޭއްވުމަށްވަނީ ނިންމާފައެވެ. މަލްތާ ގައި ބާއްވާ މިއެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މަލްތާ ގަޑިން 3 ޖަހާއިރުއެވެ.
އުމުރުން 25 އަހަރުގެ ނަސްއަކީ އިސްރާއީލަށް އުފަން ފަލަސްތީނު މީހެކެވެ. ނިއުޔޯކްގައި އުޅެ ބޮޑުވި ނަސްއަކީ އެކި ޤައުމުތަކަށް ގޮސް އެޤައުމަކާ ބެހޭގޮތުން އެއް މިނެޓްގެ ވީޑިއޯ ހަދައި ފޭސްބުކްގައި އާއްމު ކުރަމުން އަންނަ މީހެކެވެ. ނަސްގެ ވީޑިޔޯތަކަށް ގިނަބައެއްގެ ތަރުޙީބު ލިބިފައިވީ ނަމަވެސް ބުރުގާ އަޅާ އަންހެން ކުއްޖަކު ބުރުގާ ނަގަން ބޭނުންވެ، އެކަމަކު މުޖުތަމަޢު އެކަމަށް ހުރަސް އަޅާތީ އެކަން ކުރަން ނުކެރިގެން އުޅޭ ވާހަކަ ބުނެ ރާއްޖޭގައި ނަސް ހަދާފައިވާ ވީޑިޔޯއަށްފަހު އޭނާއަށް ދިވެހިންގެ ތެރެއިން ގިނަ ބައެއްގެ ތަރުހީބު ގެއްލި، ގިނަ ބަޔަކު ވަނީ ނަސް ފާޑުކިޔާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް