މިދިޔަ ބުދަ ދުވަހުގެ ރޭ ހިންގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ގިލިލަންކަންފުށި ރިސޯޓު ވަގުތީގޮތުން ބަންދުކޮށްފިއެވެ.
ގިލިލަންކަންފުށި ރިސޯޓުން ނެރުނު ބަޔާނެއްގައި، އެރިސޯޓުގެ 7 ވޯޓާވިލާއަކާއި، އެއް ރެސްޓޯރެންޓު އެހާދިސާގައި މުޅިން އަނދާ ހުލިވެފައިވާކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ހާމަކުރައްވާފައި ވެއެވެ. އަދި އެހާދިސާ ހިގުމަށް މެދުވެރިވި ސަބަބު އަދިވެސް އެނގިފައި ނުވާކަމަށާއި، އެހާދިސާގެ ފުރިހަމަ ތަހުގީގެއް އެމްއެންޑީއެފް އާއި ގުޅިގެން މިހާރު ކުރިއަށް ގެންދާކަމަށް ވެސް އެބަޔާނުގައި ވެއެވެ.
އަދި އެ ހާދިސާގައި އަމިއްލަ ނަފުސައްވުރެ ގެސްޓުންގެ ސަލާމަތް އިސްކޮށް، ހަރަކާތްތެރިވި ސްޓާފުންނާއި، އަލިފާންގަޑު ނިއްވާލުމުގައި ހަރަކާތްތެރިވި އެމްއެންޑީއެފް ގެ ފަޔާފައިޓަރުންގެ ޓީމަށް އެބަޔާނުގައި އެރިސޯޓުން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި އަލިފާންރޯވި ހަބަރު ލިބުމާއިއެކު، ރިސޯޓަށް ވަޑައިގެން އެމްއެންޑީއެފުން ވެދެއްވި އެހީތެރިކަންވެސް ބަޔާނުގައި ފާހަގަ ކުރައްވާފައިވެއެވެ.
އެހާދިސާގެ ސަބަބުން އެ ރިސޯޓު ވަގުތީ ގޮތުން ބަންދު ކޮށް، ލިބުނު ގެއްލުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި، ރިސޯޓު ހުޅުވުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަކަމަށް އެ ބަޔާނުގައި ހާމަ ކުރައްވާފައި ވެއެވެ. އަދި އެރިސޯޓުގައި ބުކިންގ ހަދާފައިވާ ގެސްޓުންނާއި، ޓްރެވެލް އެޖެންޓުންނަށް ރީފަންޑު ނުވަތަ އެހެން ގޮތެއް ހޯދައިދިނުމުގެ މަސައްކަތް ވެސް ރިސޯޓުން ކުރަމުން އަންނަ ކަމަށް ބަޔާނުގައި ހާމަކުރައްވާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް