ގިނަ ދިވެހިންނަކީ ފަލަކަމުން ހިކެން ބޭނުންވާ މީހުންނެވެ. ނަމަވެސް ދިރިއުޅުން ހުންނަ ގޮތުން، ނުވަތަ ކޮންމެވެސް ސަބަބަކާއިހުރެ، މިކަމަށް އެންމެ އެދެވިގެންވާ މަސައްކަތްތަކެއް ނުކުރެވެއެވެ. ކެއުމުގެ ވައްޓަފާޅިއަށް ބަލައިގެން އުޅުން، ނުވަތަ ކަސްްރަތުކޮށްލަން ދިޔުން ވަނީ ބޮޑު ކަމަކަށް ވެފައެވެ. އެފަދަ މީހުނަށް މިއޮތީ އުފާވެރި ޚަބަރެކެވެ. މިއޮތީ އެހާ ބުރަކަމަކަށް ނުހަދާލާ، ކުދިކުދި ކަންތައްތަކެއް ކޮށްލައިގެން ހިކެވިދާނެ ގޮތްތަކެކެވެ. އަދި އެވެސް އެންމެ ހަފްތާއެއްގެ މަސައްކަތުން ހިކޭނެ ގޮތެކެވެ.
1. ފެން ބުއިން
ތިބާގެ ދުވަސް 1 ފެންތަށިން ނުވަތަ 2 ފެންތަށިން ފަށާށެވެ. ރިސާޗްތައް ދައްކާގޮތުގައި ހެނދުނުގެ ފުރަތަމަ ބުއިމަކަށް ފެން ބޭނުންކޮށްފިނަމަ ހަށިގަނޑުގައިވާ ވިހަ ގޭސްތައް ބޭރުކޮށްލައެވެ. މީގެ އިތުރުންވެސް ހެނދުނު ފެން ބޮއެފިނަމަ، ބަނޑުހައިވުމުން ދުރުކޮށްދީ، ބޭކާރު ކެއުންތައް ކެއުމުންވެސް ދުރުކޮށްދެއެވެ.
2. ކައިނިމިގެން ކުޑަވަގުތުކޮޅެއްގައި ހިނގާލުން
ބަނޑުފުރާ ކާލައިގެން ދިވެހިންނަށް ކުރެވޭކަމަކީ ފޯނާއި ކުޅެން، ނުވަތަ ޓީވީ ބަލަން އިށީނދެލެވެނީއެވެ. ނުވަތަ އޮށޯވެލެވެނީއެވެ. މިއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ކައިނިމިގެން ދިހަ ވަރަކަށް މިނިޓް ވަންދެން ހިނގާލުމަކީ އެންމެ ރަނގަޅު ގޮތެވެ. މިކަމުގެ ސަބަބުން ހަށިގަނޑުން ކެލޮރީ ކޮޅެއް ވިރި، ހަޖަމް ކުރުމަށް އެތަކެއް ފަސޭހަތަކެއް ވެގެންދެއެވެ. ދުވާލަކު 30 މިނިޓްގެ ދުވުމަކަށްވުރެ، މިކަމަކީ މާ ފައިދާހުރި ގޮތެއްކަމުގައި ރިސާޗްތަކުން ވަނީ ދައްކާފައެވެ. (ހެނދުނު ސައި ބޮއިގެން އޮފީހަށް، މެންދުރު ކައިގެން އާއިލާ މީހެއް ނުވަތަ ރައްޓެއްސެއްގެ ގެއަށް، ރޭގަނޑު ކައިގެން އިޝާ ނަމާދަށް މިސްކިތަށް ހިނގާލާފައި ގޮސްލުމުންވެސް މިކަން ކޮށްލެވުނީއެވެ.)
3. ފައިބަރ ހިމެނޭ ބާވަތްތައް ގިނައިން ކެއުން
ފައިބަރ ގިނަ ކެއުންތަކަކީ ސިއްޙަތަށް ފައިދާހުރި، ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ. އަދި އެއީ ހަކަތަ ގިނަ، ކެލޮރީ މަދު މާއްދާއެކެވެ. އެހެންކަމުން ހެނދުނުގެ ނާސްތާގައި ފައިބަރގެ ބާވަތްތައް އެކުލެވޭ ކެއުންތައް ބޭނުންކުރުމަކީ އެންމެ އެދެވިގެންވާ ގޮތެވެ.
4. ގެއިން ކެއުން
ރެސްޓޯރެންޓްތަކުން ކެއުމަކީ މިހާރު ދިވެހިންގެވެސް އާދައެކެވެ. މަހަކު މަދުވެގެން ދެތިންފަހަރު ރެސްޓޯރެންޓަކުން ކެއުމަކީ އާންމުކަމެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރެސްޓޯރެންޓްތަކުގައި ކައްކާ ތަކެތީގައި، ތެލުގެ ބާވަތް އާދަޔާއި ޚިލާފަށް އިތުރަށް ހިމަނާފައި ހުންނަކަން ފާހަގަ ކޮށްލެވެއެވެ. ނަމަވެސް ގޭގައި ކައްކާއިރު، ތިމާގެ ހަށިގަނޑަށް ވިސްނައިގެން، ތެޔޮ މަދުކޮށް ތިމާއަށް ކެއްކިދާނެއެވެ. ގޭގައި ކައްކައިގެން ކެއުމަކީ ބަރުދަން ލުއިކުރުމަށާއި، ރަނގަޅު ސިއްޙަތެއްގައި ހުރުމަށް ކުރުން އެންމެ އެދެވިގެންވާ އެއްކަމެވެ.
5. ކަސްރަތު ކުރުން
ދުވަންދާނެ ވަގުތެއް ނުވާ މީހެއްނަމަ ކަސްރަތަކީވެސް ބަރުދަން ލުއިކުރުމަށް އެތަކެއް އެހީއެއް ވެދޭ އެއްޗެކެވެ. ނިދުމުގެ ކުރިން "ޕުޝް-އަޕް" ކޮޅެއް ހަދާލުމަކީވެސް އެތަކެއް ކެލޮރީއެއް ހިންދާލާނެކަމެކެވެ. ނިދާ ހޭލައިގެންވެސް އާދައިގެ ކަސްރަތުކޮޅެއް ކޮށްލެވިދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް